ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސާގަރް“ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް: އިންޑިއާގެ ރައީސް

އިންޑިއާގެ ރައީސް މުރުމޫ ރައީސް ޑރ މުއިއްޒުއާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ”ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން“ ނުވަތަ ”ސާގަރް“ ތަޞައްވުރުގައި ދިވެހިރާއްޖެއަކީ އަސާސީ ބައިވެރިއެއްކަމަށް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ފާހަގަކުރައްވައިފިއެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި ބޭއްވުނު ބައްދަލުވުމެއްގައި އިންޑިއާގެ ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާގެ ”ނޭބަހުޑް ފަރސްޓް“ ސިޔާސަތުގައްޔާއި، ”ސާގަރް“ ތަޞައްވުރުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއް ކަމަށެވެ.

އިންޑިއާގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢު ކަމަށާއި، އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ އޭގެ މަންފާ ރައްޔިތުންނަށް ސީދާ ލިބޭނެ ގޮތަށެވެ.

މި ބައްދަލުވުމުގައި ”ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް“ ގެ ދަށުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ އައު އޮނިގަނޑެއް ޤާއިމުކުރެވޭނެ ކަމަށް ރައީސް މުރުމޫ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ބައްދަލުވުމުގައި، އިންޑިއާއަށް ވަޑައިގަތުމަށް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ތަޢުލީމު، ބިނާވެށި، ފަތުރުވެރިކަން އަދި ޞިއްޙީ ދާއިރާ ފަދަ ގިނަ ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

ބައްދަލުވުމުގެ ނިމުމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ދަތުރުފުޅުގައި ފެށުނު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ އިސްވެރިން އެއްބަސްވެވަޑައިގެންނެވިއެވެ. ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރާޝްތްރަޕަތީ ބަވަންގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: