40 އަހަރު ތެރޭގައި ނުނަގާ ވަރަށް އެމްޑީޕީގެ 5 އަހަރުގެ ތެރޭގައި ލޯނު ނަގައިފައިވާ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޙަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީހުގައި 5 އަހަރު ތެރޭގައި އެންމެ ގިނައިން ލޯނު ނަގައި ވެރިކަން ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އެ ލޯނުތައް ނަގާފައިވަނީ އަބުރާ ދެެއްކޭނެ ގޮތުގެ ވިސްނުމެއް ނުބަހައްޓައި ކަމަށް މެމްބަރ ވިދާޅުވިއެވެ.
“ ދިވެހިރާއްޖޭގެ ތާރީހުގައި 5 އަހަރެއް ތެރޭގައި އެންމެ ގިނަ ލޯނު ނެގި ވެރިކަން ނިމިގެން އެ ދިޔާއީ އެމްޑީޕީގެ ވެރިކަން، އެއްވެސް ގޮތަކަށް ކުރިއަށް އެ ލޯނުތައް ދެއްކޭނެ ފޯމިއުލާއެއް އަދި ގޮތެއްވެސް ނުޙޯދައި ހަމަ، އެ ފުރުސަތު އޮތީތީ ދިވެހިންގެ ނަމުގައި އެމްޑީޕީއަށް ލޯނު ނެގެން އޮތީތީ ލޯނުތައް ނަގަމުން ދިޔައީ“ މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން، ބޮޑު އަދަދަކަށް ލޯނުތައް ނަގައި، ފައިސާ ޗާޕު ކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ލޯނުތަކުގައި އިންޓްރެސްޓް ހުރީ ކިހާ ވަރަކަށްތޯ ބެލުން މުހިންމު ކަމަށް މެމްބަރ ވިދާޅުވިއެވެ. ރައްޔިތުންގެ ނަމުގައި އެމްޑީޕީ ލޯނުތައް ނަގާފައިވާއިރު އެކަމުން ރަނގަޅު މަންފާއެއް ލިބިގެންނުދާ ކަމަށާއި ދިވެހިރައްޔިތުންނަށް އާމްދަނީ ލިއްބައިދޭނެ ފަދަ އެއްވެސް ކަމެއް ނިމިދިޔަ 5 އަހަރުގައި ކޮށްފައި ނުވާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ފެނިފައިނުވާ ކަމަށް މެމްބަރ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުން އަބަދުވެސް ދައްކަމުން ދަނީ ކޮވިޑްގެ ޙާލަތާއި ގުޅިގެން ލޯނު ނަގަން ޖެހުނު ވާޙަކަކަމަށާއި ނަމަވެސް ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ފަހު 2023 ވަނަ އަހަރު އެމްޑީޕީ ވަނީ ތާރީހީ އަދަދަކަށް ލޯނު ނަގައިފައި ކަމަށް މެމްބަރ ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ، ރައީސުލްޖޫމްހޫރިއްޔާ ހުވާކުރެއްވުމަށްފަހު ސަރުކާރަށް 10 މަސް ވެފައިވާއިރު، ރިކަރަންޓް ޙަރަދު ދެއްކުމަށް އެއްވެސް ލޯނެއް ނަގައިފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީދަތުރުފުޅުގެ ތެރެއިން، އެމްޑީޕީ ސަރުކާރުން ނަގައިފައިވާ ލޯނުތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވިއެވެ.
“ އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް އެމްޑީޕީއިން ފާހަގަކުރަނީ، އެ ބޭފުޅުންނެގި 40 އަހަރާއި ނުބައްދަލު ލޯނުތައް ނެގިއިރު ވަރަށް ބޮޑެތި އަދަދުތައް 1 ބިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކަން އެބެއް މިހާރުވެސް، ވަކި ޤައުމަކަށް، 100 މިލިއަން ރޯލްއޯވާއެއް މިހާރުވެސް އަޅުގަނޑުމެންއަށް ހެދިފައި އެބައޮތް“ މަމްދޫހު ވިދާޅުވިއެވެ.
ނިމިދިޔަ 5 އަހަރުގައި ސަރުކާރުން ގިނަ އަދަދެއްގެ ލޯނުތައް ނަގައިފައިވާ ކަމަށް ރައީސްވެސް އަދި ފިނޭސްމިނިސްޓްރީ ވެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ހިމެނެއެވެ. 2018 ގައި ސްޓެލްކޯގެ ދަރަނި 2.8 ބިލިއަނުގައި ހުރުމަށް ފަހު، ފަސް އަހަރުގެ ތެރޭގައި އެ އަދަދު 3.8 ބިލިއަނަށް އުފުލުނު ކަމަށެވެ. އަދި އައިލޭންޑް އޭވިއޭޝަންގެ ދަރަނި 01 ބިލިއަންގައި ހުރުމަށް ފަހު، ވެރިކަން ނިމުނުއިރު އެ އަދަދު ހުރީ 04 ބިލިއަން ރުފިޔާގައެވެ.

