ރައީސް ގެންގުޅުއްވަނީ ޑޮލަރަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ރާއްޖެއާއި ދެމެދު ވިޔަފާރި ގުޅުންތައް އޮންނަ ގައުމުތަކުގައި ބޭނުންކުރާ ފައިސާ ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ނިޒާމު ބައްޓަންކުރެއްވުމުގެ ވިސްނުންފުޅުކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން ”ސަންގު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މިހާރު އެމްއެމްއޭ އަދި އިންޑިއާގެ ރިޒާވް ބެންކު ދެމެދުގައި ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށާއި ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ނެގުމަށް ފަހިވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ހައްލުވެގެންދާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވަގުތީގޮތުން ކުއްލިއަކަށް ދިމާވާ ކަންކަން ހައްލުކުރުމުގެ މަގު ފަހިވެގެންދިއުމުގެ އިތުރުން ރާއްޖޭގެ ގްރޮސް ރިޒާވުގައި ހުރި ފައިސާގެ އަދަދުވެސް މައްޗަށް ދާނެކަމަށެވެ. އަދި މިފަހުން ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީތަކުންވެސް ރިޒާވުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށްފައިކަމަށްވުމުން އެ ހާލަތުން އަރައިގަތުމުގައިވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރޭޓިންގްއަށް ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެހެން ކަންކަން ވެއްޖެ ހާލަތެއްގައި ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުތަކުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ފަސޭހަވަގެންދާނެކަމަށާއި ރައީސް މުއިއްޒުވަނީ ގިނަ އިސްލާހުތަކެއް ގެނައުމަށް ނިންމަވާފައިކަމަށެވެ. އެގޮތުން ހަރަދުތައް ކުޑަކުރުމަށް ނުވަތަ އެކަށީގެންވާ މަގަކަށް އެޅުވުމުގެ ގޮތުން އިސްލާހުތައް ގެނައުމަށް ނިންމާފައިވާނެކަމަށާއި އިގްތިސާދު ފުޅާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަންވެސް ހުރިކަމަށެވެ.
ޒަމީރު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ވަރުގަދަކުރުމާއި ރާއްޖެއަށް ބޭރުން ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓުތައް ހޯދުމުގެ މަސައްކަތްތައްވެސް ހުރިކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެމްއެންއޭއިން ދަނީ ރާއްޖޭގެ މޮނެޓަރީ ޕޮލިސީއަށް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި މި ދަތުރުގެ ތެރެއިން ލިބިފައިވާ ކުރިއެރުންތަކާއިއެކު ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ދެމެދު ގުޅުން މިހާރު ހަރުދަނާވެފައިވާކަމަށާއި އޮތީ ރަނގަޅަށްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މި ދަތުރުގައި މިނިސްޓަރު ކުރެއްވި ގިނަ މަސައްކަތްތަކުގެ މަގުސަދަކީ ދިވެހިރާއްޖެއަށް އިންޑިއާގެ ވިޔަފާރި އިންވެސްޓުމެންޓުތައް ހޯދުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަގުސަދުގައި ރައީސްވެސް ބައިވެރިވެވަޑައިގެންނެވި ތިން ފޯރަމްއެއް ބާއްވާފައިވާކަމަށާއި އެގޮތުން އިންވެސްޓަރުންނާއިއެކު މަސައްކަތްތައް ކުރެވިފައިވާކަމަށެވެ.
ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް އަންނަންޖެހޭކަމަށާއި އެއީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ލުއިކުރުމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ޓުއަރިޒަމް ފުޅާކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށާއި އިންޑިއާގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށްވެސް މި ދަތުރުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންއާއި ދިމާކޮށް ރައީސް ކުރައްވާފައިވާ ދަތުރުފުޅުގެ ސަބަބުން އިގްތިސާދީ ގޮތުންވެސް ފައިދާތައް ލިބިގެންދާނެކަމަށާއި ރައީސްގެ ވިސްނުން ހުރީ އެއް ކަރަންސީއެއް ނުވަތަ ޔޫއެސް ޑޮލަރަށް ބަރޯސާވުމުގެ ބަދަލުގައި ދިވެހިރާއްޖެއާއި ދެމެދު މުއާމަލާތްތައް ކުރެވޭ ގައުމުތަކުގެ ފައިސާ ރާއްޖޭގައިވެސް ބޭނުންކުރެވޭ ގޮތް ހެދުންކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި އިންޑިއާގެ ރޫޕޭ ކާޑު ބޭނުންކުރެވޭނެކަމަށެވެ.

