އަސްކާރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައިކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ދިވެހިރާއްޖެއަށް އަސްކަރީ ގޮތުންވެސް އަދި ދިފާއީ ގޮތުންވެސް ނުފޯރުވޭނެކަމަށް ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ސަންގަށް ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރ ޢައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރުވެސް ބުރޫއަރާފާނެ ފަދަކަމެއް މިދަތުރުގައި ހިނގާފައި ނުވާކަމަށެވެ. އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހީންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭފަދަ ނުވަތަ ނުރައްކާވާފަދަ އެއްވެސް ކަމެއް ރައީސް ކުރައްވާފައި ނެތްކަމަށް ޢައްސާން ވިދާޅުވިއެވެ.
ޢައްސާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރަނީ އެމްއެންޑީއެފްއިން ކަމަށާއި އަދި އެކަން ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ރައީސް ކުރައްވަމުން ގެންދާ މަސައްކަތަކީ އެމްއެންޑީއެފްގެ ގާބިލިއްޔަތުކަން އިތުރުކުރުންކަމަށް ވެސް ޢައްސާން ވިދާޅުވިއެވެ.
އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ގާއިމު ކުރި އެއްބަސްވުންތަކުގެ ތެރޭގައިވެސް ވަނީ ރާއްޖޭން އެދޭ ހާލަތްތަކުގައި އެދޭ ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމުގެ ވާހަކަކަމަށް ޢައްސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއްވެސް ހާލެއްގައި ދިވެހި އަސްކަރިއްޔާގެ ޒިންމާތައް އެހެން އެއްވެސް ގައުމަކަށް ހަވާލުކުރުމުގެ ވާހަކައެއް ދެކެވިފައި ނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑު ވަޒީރާއިއެކު ބޭއްވެވި ބަސްތީގަތުމުގައިވެސް ހާމަކުރެއްވި ޑޮކިއުމަންޓަކީ ވާހަކަ ދެކެވުނު އެއްބަސް ވެވުނު ކަންކަން. އެއްވެސް ސިއްރެއް ރައީސުލްޖުމްހޫރިއްޔާއެއް ދިވެހި ރައްޔިތުންގެ ކިބަޔަކުން ނުހިފަހައްޓަވާނެ. މިހާރު ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައި މިވަނީ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޑިޕްލޮމެޓިކް ރިވެތި އުސޫލުގެ ތެރެއިން މަޝްވަރާ ކުރައްވައިގެން އިންޑިއާއަކީ ދިވެހިރާއްޖޭގެ ޒަމާންވީ ރަހުމަތްތެރި އަކަށް ވާތީ އެ ގައުމުގެ ވެރިންނާއި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވައިގެން ދިވެހީންނަށް އެންމެ ފައިދާވާނެ ގޮތް ހޯއްދަވައިދެއްވިތަން
ޢައްސާން ވިދާޅުވީ މިހާރު ފެނިވަޑައިގަންނަވާ މަންޒަރަކީ އަސްކާރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި އަދި ބޭރުގެ އެއްވެސް ނުފޫޒެއް ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން ދިފާއީ ގޮތުންވެސް ނުފޯރުވޭނެ ކަމަށެވެ.

