ބައިނަލްއަގުވާމީ ނަފްސާނީ ސިއްހަތުގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓްރީއިން އިންތިޒާމުކޮށްގެން އާޓް އެގްޒިބިޝަންއެއް ބޭއްވުމަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ނަފްސާނީ ސިއްހަތުގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓްރީންވަނީ އާޓް އެގްޒިބިޝަންއެއް ބޭއްވުމަށް ނިންްމާފައެވެ. އެ މިނިސްޓްރީއިން ބުނެފައިވާގޮތުން އެ މަސައްކަތްތަކަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބައެއްކަމަށާއި އެއީ މައިގަނޑު އެއް ހަރަކާތްކަމަށެވެ.
ޝަހީމް ވިދާޅުވީ، މި ދުވަހާއި ގުޅިގެން އާޓް އެގްޒިބިޝަންއެއް ބޭއްވުމަށް ނިންމާފައިވަނީ ނަފްސާނީ ސިއްހަތުގެ މައްސަލަ ރާއްޖެއާއި މުޅި ދުނިޔޭގައިވެސް އިތުރުވެފައިވުމުންކަމަށާއި ޒުވާނުން ކުރިއެރުވުމާއި ބާރުވެރިކުރުމަކީ މިނިސްޓްރީގެ އިހުތިސާސްގައި ހިމެނޭ ވަރަށް މުހިންމު ކަމެއްކަމަށެވެ.
އޭނާ ވިދާޅުވީ، އާޓް އެގްޒިބިޝަންގެ ތެރެއިން ފަންނުވެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަމަށާއި އެ ދާއިރާއަށް ނުކުތުމުގެ ޝައުގުވެރިކަން ގެންގުޅޭ ފަރާތްތަކަށްވެސް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ، އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ހަރަކާތް އޮންނާނީ އާޓް ގެލަރީގައިކަމަށެވެ. ޝަހީމް ވިދާޅުވީ، މިއަދު އިއުލާނުކުރަނީ އެގްޒެބިޝަންގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާކަން ކަމަށާއި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައުލޫމާތުތައް ސޯޝަލްމީޑިއާ އެކައުންޓުތައް މެދުވެރިކޮށް ލިބެން ހުންނާނެކަމަށެވެ.
އޭނާ ވިދާޅުވީ އެޕްލިކޭޝަން ފޯމާއިއެކު މި މަސައްކަތްތަކަށް ކަނޑައަޅާފައިވާ އޮނިގަނޑުވެސް ފެންނަން ހުންނާނެކަމަށާއި މިކަމުގައި ބައިވެރިވުމަށް އުމުރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 16 އަހަރާއި 35 އަހަރާއި ދެމެދުކަމަށެވެ. އަދި އެ އުމުރު ފުރައިގެ ބައިވެރިންނަށް ކުރެހުންތަކާއި އެހެނިހެން ތަކެތިވެސް ހުށައެޅުމަށް ހުޅުވާލެވިފައިވާކަމަށާއި ހުށައެޅޭނީ ނަފްސާނީ ސިއްހަތާއި ގުޅުވައި ތައްޔާރުކޮށްފައިވާ އޮބްޖެކްޓުތައްކަމަށެވެ.
އޭނާ ވިދާޅުވީ 16 އަހަރުގެ ކުދިން އިން ފެށިގެން ފުރުސަތު ހުޅުވާލާފައިވަނީ އެ އުމުރުގެ ކުދިންނަކީވެސް މިފަދަ ފަންނީ މަސައްކަތްތަކުގެ ތެރެއަށް ނުކުންނަ ކުދިންނަށް ވުމުން އެފަދަ ފުރުސަތުތައް ވީހާވެސް ބޮޑަކަށް ލިބޭނެ މަގު ފަހިކުރުމުގެ ގޮތުންކަމަށެވެ.

