ރާއްޖޭގެ ހެލްތު ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަތުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެދި ދިރާސާއިން މައިގަނޑު 6 މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް އެ މުއައްސަސާއިން ބުދަ ދުވަހު ހާމަކޮށްފިއެވެ.
އޭސީސީއިން މީޑިއާތަކަށް ދިން މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި ދިރާސާގެ ބޭނުމަށް މަޢުލޫމާތު ނަގާފައިވަނީ 2011 އިން 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި ދިރާސާ ކޮށްފައިވާ މުއްދަތަކީ 2022-2023 ވަނަ އަހަރު ކަމަށާއި، މަޤްޞަދަކީ ނިޒާމުގައި ހުރި އެފަދަ ހިރާސްތައް ދެނެގަނެ އިޞްލާޙުކުރުމަށް ލަފާ ދިނުމާއި ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ލަފާ ދިނުން ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީއިން ފާހަގަކުރި 6 މައްސަލައިގެ ތެރޭގައި ހިމެނެނީ:
1. ޤާނޫނީ އޮނިގަނޑު ހަރުދަނާ ނޫންކަމަށްވުމުން ޚިދުމަތްތައް ދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުން.
2. ހެލްތު ވެލްފެއަރ ނިޒާމުގެ ތެރެއިން ޚިދުމަތް ލިބުނު ކަމުގެ ކްލެއިމް ޕްރޮސެސް ވެރިފައި ކުރެވެން ނެތުން.
3. ޚިދުމަތް ދޭ ތަންތަނުގައި އައު ޚިދުމަތްތަކާއި ބޭސް ރެޖިސްޓްރީ ކުރުމުގައި ހާމަކަން ކުޑަވުން.
4. އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރާއިރު ކޮރަޕްޝަނަށް މަގުފަހިވުން.
5. ސިއްޙީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުން.
6. އެންސްޕާ މެދުވެރިކޮށް ފައިސާ ދިނުމުގައި ހަމަހަމަކަން ނެތުން.
މި މައްސަލަތައް ހައްލުކުރުމަށް އޭސީސީއިން ވަނީ ގިނަ އަދަދެއްގެ ލަފާ އަރުވާފައެވެ. އޭގެ ތެރޭގައި އާސަންދައިގެ ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ގަވާއިދުތަކާއި އުސޫލުތަކަށް އިޞްލާޙު ގެނައުމާއި، ނިޒާމުގެ ޖަވާބުދާރީވުން ހަރުދަނާކުރުމަށްޓަކައި މޮނިޓަރިންގ މަސައްކަތްތައް ކުރާނެ ފަރާތެއް ކަނޑައެޅުން ހިމެނެއެވެ.
މި ދިރާސާގެ ނަތީޖާތަކުން ދައްކައިދެނީ ރާއްޖޭގެ ހެލްތު ވެލްފެއަރ ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެވެއެވެ.

