ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުތަކަށް ބެލުމުން ފެނިގެންދަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް މިސްރާބު ޖަހާފައިވާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު މައުރޫފް ވަނީ އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމުގެ މަސައްކަތްތައް ޕީއެންސީއިން ކުރިއަށް ނުގެންގޮސް ހިފަހައްޓާފައިވާކަމަށް ސިފަކުރައްވާފައެވެ. މައުުރޫފް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައްވެ ސް ތަޅުމުން ބޭރުކޮށްލާކަމަށެވެ.
ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމަނައި ހުށަހަޅާ ކުއްލި މައްސަލަތައް ވެރިކަން ކުރާ ޕާޓީ ޕީއެންސީ ބޭރުކޮށްލަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށްކަމަށް ތުހުމަތު ކުރައްވައި މައުރޫފް ވިދާޅުވީ މަޖިލީހަށް ހުށަހަޅައި ތަޅުމުން ބަލައިގަނެފައިވާ ބައެއް މުހިންމު މައްސަލަތައް ވެސް ކޮމިޓީގައި ޕާކުކޮށްފައިވާކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް ކުރިޔަށް ނުދާ އެއް ބިލުގެ ގޮތުގައި މައުރޫފް ފާހަގަކުރެއްވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެވެ.
މައުރޫފް ވިދާޅުވީ ބިލު ކޮމިޓީގައި ތާށިކޮށް ޕީއެންސީ ދަނީ، އެ މަސައްކަތް ކުރިޔަށް ނުގެންދިއުމަށް އެކި ބަހަނާތައް ދައްކަމުން ކަމަށެވެ. މިއީ ރައްޔިތުންގެ ގޮވާލުންތަކަށް ކުރާ މަލާމާތެއްކަމަށް ސިފަ ކުރައްވައި މައުރޫފް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއްގެ ބޭނުމަކީ ދައުލަތުގެ ހިންގުމުގެ ތެރެއަށް ބާރު ފޯރުވުން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަކަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅަމުން ދާއިރު، މަޖިލިސް ވެސް ފެންނަނީ ޕީއެންސީ އޮފީހެއްގެ ގޮތަށްކަމަށް މެމްބަރު ވިދާޅުވި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އެމްޑީޕީ ކަންބޮޑުވުންފާޅު ކުރުމުން އެކަމެއް ބަލައިނުގަންނަ ސަބަބާއި މެދު ސުވާލު އުފައްދައި، މައުރޫފް ވަނީ އޭސީސީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވެސް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ވިދާޅުވެފަ އެވެ. ކޮމިޝަންގެ ހިންގުމުގެ ތެރެއަށް ބާރުފޯރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޭފުޅަކު ރައީސާއި ނައިބު ރައީސްކަމަށް އައްޔަނު ކުރަން އެ ނޫން ސަބަބެއް ނެތްކަމަށް މައުރޫފް ވިދާޅުވި އެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަމުން ދަނީ 12 މެމްބަރުންކަމަށްވުމާއި އެކު، ސުޕަ މެޖޯރިޓީގެ ބޭނުން ކޮންމެ ދުވަހަކު ވެސް ނަހަމަގޮތުގައި ހިފަމުން ގެންދާކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި މައިނޯރިޓީގެ އަޑު އިއްވަން އުނދަގޫވެ ދަތިތައް ދިމާވި ނަމަވެސް ރައްޔިތުންގެ އަޑު އިއްވައި ޒިންމާ އަދާކުރުމުގެ ފުރިހަމަ މަސައްކަތް އެ ޕާޓީން ކުރާނެކަމަށް މައުރޫފް ވިދާޅުވި އެވެ.

