އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ހެލްތް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އަދި އާސަންދަ ނިޒާމު ހަރުދަނާކޮށްގެން މެނުވީ ސިއްޙީ ނިޒާމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ފުރިހަމަނުކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން އާސަންދަ ރިފޯމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން އާސަންދަ ނިޒާމު ވެގެންދާނީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ ކަމަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބުރަ ނުވާނެހެން، ދެމެހެއްޓެނިވި ގޮތެއްގައި ސިއްޙީ ނިޒާމު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ނިޒާމަކަށް އާސަންދަ ވެގެންދާނެ ކަމަށް މިނިސްޓަރު އިތުބާރު ފާޅުކުރެއްވިއެވެ.
އާސަންދަ އިންޝުއަރެންސް ސްކީމުގެ ތެރެއިން ޚިދުމަތް އެންމެ ބޭނުންވާ ފަރާތްތަކަށް އޭގެ ފައިދާ ލިބި، އާސަންދަ ނިޒާމު ރެގިއުލޭޓްކުރެވިގެން ނޫނީ އެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަންނީ މާހިރުން އާސަންދަ ނިޒާމުގެ ކަންކަން ދިރާސާކޮށް، އޭގައި ހުރި ގޮންޖެހުންތައް ފާހަގަކުރެވި، އެކަންކަމުން އަރައިގަތުމަށް މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފިނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުން މިހާރު ވަނީ ފާހަގަކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ސިއްޙީ ނިޒާމު ބައްޓަންވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް މިނިސްޓަރު ޔަޤީންކަން ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސިއްޙީ ނިޒާމެއްގައި އެންމެ މުހިންމު ކަމަކީ ދެމެހެއްތެނިވި ގޮތެއްގައި ޙިދުމަތް ދެވޭނެކަން ކަށަވަރުކޮށް، އެކަން ބައްޓަން ކުރެވިފައި އޮތުން ކަމަށެވެ. ދުނިޔޭގައި ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އަބަދުވެސް މެދުކެނޑުމެއްނެތި އިންވެސްޓް ކުރަންޖެހޭ އެންމެ މުހިންމު ނިޒާމަކީ ސިއްޙީ ނިޒާމު ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރ ވަނީ ޞިއްޙީ ދާއިރާއިން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތާއި، ކޮލިޓީ ބޭސް، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށިފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. ސިއްޙަތާ ބެހޭ ސިޔާސަތުތައް ބައްޓަން ކުރެވިފައިވަނީ އަރބަން ސެންޓަރުތަކުގައި ހުރި ހެލްތު ފެސިލިޓީސްތައް ފުޅާކޮށްގެން މާލެއަށް އައުން މަދުކުރެވޭނެގޮތަށް ކަމަށާއި ކުރިއަށް އޮތް 5 އަހަރު ވެގެންދާނީ މިމަގުން ސިއްޙީ ދާއިރާގެ ސިޔާސަތުތައް ބައްޓަން ކުރެވި ރާއްޖޭގެ ސިއްޙަތުގެ މުޅިން އައު ބާބެއް ލިޔާނެ 5 އަހަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު އެކްސްޕޯއަކީ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމާއި، ސިއްޙީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާއި، ސިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ފުރިހަމަ ސިއްޙަތަކަށް މުޅި ޤައުމު އެކުގައި މިނަމުގައި ބާއްވާ އެކްސްޕޯއެކެވެ. މިއެކްސްޕޯގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ދެއްކުމާއި، ސިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށް ދިނުމެވެ.

