ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށް އައު އިބްތިކާރީ ވިސްނުންތަކުގެ މުހިންމުކަމަކީ އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. ޤައުމުގެ މާލީ ޙާލަތަށް ބަލާއިރު މިކަމުގެ ބޭނުންތެރިކަން ވަރަށް ސާފުކޮށް ފާހަގަކުރެވެއެވެ. އެކި ވެރިކަމުގެ ދައުރުތަކުގައި ވެފައިވާ ގިނަގުނަ ވަޢުދުތަކުގެ ދަށުން ކުރުމަށް ކަނޑައެޅުނު ގިނަ މަޝްރޫޢުތައް އަދިވެސް ވަނީ ނުފެށިއެވެ. ނަމަވެސް، މިއަދު އެ މަސައްކަތްތައް އަލުން ފެށުމަށް މަސައްކަތްކުރާއިރު، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު އިޤްތިޞާދުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލަންޖެހެނީ އީޖާދީ ފިކުރަކާއެކު ކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ރައްޔިތުންނަށް މަންފާކުރަނިވި ކަންކަން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ އިތުރުން، ވިޔަފާރި މާޙައުލުގައި ހުރި ހުރަސްތަކާއި ދަތިތައް ނައްތާލުމަކީވެސް މުހިންމު ލަނޑުދަނޑިއެކެވެ. މި އަހަރަކީ މި މަސައްކަތްތަކުގައި ދިވެހިންނަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާ އަހަރެކެވެ. މިހާރު ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލު ވަނީ ކުރިއާ އަޅާބަލާއިރު މާ ފަހި ގޮތަކަށް ބައްޓަންކުރެވިފައެވެ. ދިވެހި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭނެ މަންޒިލަކަށް ދަތުރު ފެށުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޤާނޫނީ ގޮތުން ފެނިގެންދިޔަ އިޤްތިޞާދީ ކުރިއެރުންތައް:
ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ކުރިން އެކުލަވާލެވިފައިވާ ޤަވާޢިދުތައް މުރާޖަޢާކޮށް ބަދަލުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ކުންފުނީގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާޢިދުތަކުގެ ތެރެއިން ޕްރައިވެޓް ކުންފުނީގެ ޤަވާޢިދާއި ބޭރުގެ ކުންފުނި އަލުން ރަޖިސްޓަރީކުރުމާބެހޭ ޤަވާޢިދު ސަރުކާރުން ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، އެއް މެންބަރު ހިމެނޭ ކުންފުނި ރަޖިސްޓަރީކުރުމަށްޓަކައި މިކަމުގެ ރެގިއުލޭޓަރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ނިންމާލާފައެވެ.
އިޤްތިޞާދީ ފުޅާވުން އަދި ދެމެހެއްޓެނިވި ތަރައްޤީ:
ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމުން ޤައުމު ސަލާމަތްކުރުމަށް، މި އަހަރުގެ ތެރޭގައި މުހިންމު ފިޔަވަޅުތަކެއް އެޅިފައިވެއެވެ. ޒަމާނުއްސުރެ ދިވެހިރާއްޖެ ވަކި ދާއިރާއެއްގެ މައްޗަށް ބަރޯސާވެފައިވާ ޙާލު، ފަހަކަށްއައިސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ސަރުކާރުން މުހިންމު ފިލާވަޅުތަކެއް ޙާޞިލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގ ޚިދުމަތް ތަޢާރަފުކޮށްފައެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން އިފްތިތާޙުކުރެވުނު މި މަސައްކަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ގެނުވާނެ ކަމެއްކަމަށް މިނިސްޓަރ ސަޢީދު ވަނީ މި މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހިއްސާކުރައްވާފައެވެ.
ވެރިކަން ބަދަލުވުމާއެކު ތަރައްޤީއަށް ގެންގުޅޭ ވިސްނުންތައް ބަދަލުވެ، އޭގެ ސަބަބުން ދިވެހިންނަށް އިޤްތިޞާދީ ހަމަޖެހުމާ ހަމައަށް ވާޞިލުވުމުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. ވެރިކަމާއެކު މަސައްކަތްތައް އަލުން ފެށި، ކުރިން ކުރެވިފައިވާ މަސައްކަތްތައް ގެއްލިގެންދާތީ، ސަރުކާރުން ވަނީ މި ގެއްލުންތައް ކުޑަކުރުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް ހަރުދަނާ މަގަކަށް އެޅުވުމުގެ ގޮތުން ”މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭން“ އެކުލަވާލާފައެވެ.
2024 އިން 2028 އަށް އެކުލަވާލެވުނު މި ޕްލޭންގެ ދަށުން، ރާއްޖޭގައި އެކި ދާއިރާތަކުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ވަކިވަކި ފަރުދުން ބާރުވެރިކުރުވުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކެކެވެ. ރައީސްގެ ވިސްނުންފުޅަކީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމާއި، ދިވެހިރާއްޖޭގެ ފަންނާނުންނާއި އެފަދަ ހުނަރުވެރިންނަށް ޝައުޤުވެރިވާނެ ފަދަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ.
މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިލު“ ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ އެކި ދާއިރާތައް ފުޅާކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ބޭންކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލައިސަންސްވެސް ލިބިފައިވެއެވެ.

މުޅި ދުނިޔެވެސް މިސްރާބު ޖަހާފައިވަނީ އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ކަމަށްވާއިރު، ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައްވެސް ޒަމާނީ ގޮތަކަށް ބައްޓަންކުރެވިގެންދާކަން ކަށަވަރުކުރުމަށްޓަކައި ސޯލާ ސިޓީ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން މާލެ ސަރަޙައްދަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް އުފެއްދޭނެއިރު، މިކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ބޭރުގެ ކުންފުންޏަކަށް ހުއްދަ ދެވިފައިވާކަން ފާހަގަކުރެވެއެވެ. މި މަސައްކަތްތައް މުހިންމުވަނީ ދިވެހިރާއްޖެއިން ކޮންމެ އަހަރަކުވެސް ކަރަންޓު އުފެއްދުމަށްޓަކައި މާލިއްޔާއިން ބޮޑު ޚަރަދެއް ކުރަންޖެހިފައިވާތީއެވެ.
މީގެއިތުރުން، ފައިދާތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާކަން ޔަަން ޔަޤީންކުރުމުގެ ގޮތުން، ސަރުކާރުންވަނީ ރާއްޖޭގައި ދެމެހެއްޓެނިވި އުސޫލެއްގެ މަތިން ދަނޑުވެރިކަން ކުރުމަށްޓަކައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯން (އޭއީޒެޑް) ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މިއީ ކާބޯތަކެތީގެ އިމްޕޯޓަށް ކުރާ ޚަރަދު ކުޑަކުރުމާއި، ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ބޭނުންކުރާ މިފަދަ ތަކެތި ރާއްޖެއިން ލިބޭނެ މަގު ފަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންނަށް ޙައްލެއް ފެނިފައިނުވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެކަށީގެންވާ މަގަކަށް އެޅުވުމުގެ ގޮތުން ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ތެރެއިން ރިއަލް އެސްޓޭޓް ދާއިރާ ކުރިއެރުވުމަކީވެސް ފާހަގަކުރެވޭ މަސައްކަތެކެވެ. އެގޮތުން ސަރުކާރުންވަނީ ”ޕަރލް ވިސާ ޕްރޮގްރާމް“ ގެ ނަމުގައި އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް އުފެއްދުމަށް ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ޕްރޮގްރާމްގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވެސް ބޭއްވިފައިވެއެވެ. މިއީ ދިވެހިރާއްޖެއަށް ޝައުޤުވެރިކަން ހުރި އިންވެސްޓަރުންނަށް ރާއްޖޭގައި ތިބެގެން ޤައުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ހުރަހެއްނެތި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.ޚުލާޞާކޮށް ބަލާއިރު، މި އަހަރަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި، އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ތަޢާރަފުކުރެވުނު އަހަރެކެވެ. ބަންކަރިންގ ޚިދުމަތް ފެށުމާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލުމާއި، ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމާއި، ސޯލާ ސިޓީ މަޝްރޫޢު ފެށުމާއި، އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ޤާއިމްކުރުމާއި، އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލަށް އައު އުންމީދުތަކެއް ގެނެސްދީފައިވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

