ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއިން ހުޅުމާލޭގައި ޤާއިމުކުރުމަށް 16 ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީއިން ) ހުޅުމާލޭގައި ޤާއިމުކުރުމަށް 16 ޕްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ.

އެޗްޑީސީން މި ޕްރޮޖެކްޓްތައް ތައާރަފުކުރީ ”ޓްރާސްފޯމިންގ ޓުމޯރޯ“ ގެ ނަމުގައި ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 16 މަޝްރޫއެއް ވަނީ އިފްތިތާހު ކޮށްފައެވެ. “ ޓްރާންސްފޯމިންގް ޓުމޯރޯ“ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް ލޯންޗުކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް އެންޑް ޓްރޭޑްގެ މިނިސްޓަރ  މުހައްމަދު ސައީދުއެވެ.

މި ރަސްމިއްޔާތުގައި ލޯންޗްކޮށްފައިވާ ޕްރޮޖެކްޓްތަކަކީ:

  • ރަސްމާލެ ޕްރޮޖެކްޓް- ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ 

މާލެ ސަރަހައްދަށް ދިމާވެފަިއވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރަސްމާލެ މަޝްރޫއު ފަށާފައިވަނީ ޑިސެންބަރ 2023 ގައެވެ. ބިމުގެ ގޮތުން ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައި ދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

  • ރޯ ހައުސް- މޮޑާރން ކަނެކްޓެޑް ( ހުޅުމާލެ ) 

ރައީސްގެ މެނިފެސްޓޯގައި ހިމަނައިފައިވާ ގޮތަށް ހުޅުމާލެ ފޭސް 2 ގައި އައު ރޯ ހައުސްތަކެއް އެޅުމަށް ވަނީ ނިންމައިފައެވެ. މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އެޅިގެންދާނެއެވެ. މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ގައެވެ. މިއީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާއި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ލޯކަލް އިގްތިސާދު ހަރުދަނާވެ، އަދި އާންމުންގެ ފުދުންތެރިކަން އިތުރުކުރުމަށް އެލޭ ފިޔަވަޅުތަކެވެ.

  • ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް- (ހުޅުމާލެ)

މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިންގ އެޕާޓްމަންޓްސް ތަކެކެވެ. މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިފަރާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެެ.

  • މޮޑާރން ޕްރީފެބް ހޯމްސް- އިނޮވޭޓިވް އަދި ސަސްޓެއިނަބަލް ލިވިންގ (ހުޅުމާލެ)

މިއީ، ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ. މޮޑާރން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެވެ.

”ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން، %5 އަށްވުރެ އިންޓްރެސްޓް ބޮޑު ނުވާގޮތަށް ދޫކުރާ ލޯނު ސްކީމާއި، މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ ލޯނު ސްކީމުން، މި ޕްރީ ފެބް ގެތައް ބައްލަވައިގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

  • ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިންގ (ހުޅުމާލެ)

ފަަރުކޮޅުފުށި، ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެކެވެ. އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ. އަދި ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތަކާއި އިވެންޓު ސްޕޭސް ޤާއިމު ކުރުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އެތަނުގައި 5  ފަންގިފިލާގެ ހޮޓެލް ޤާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އެ ހޮޓަލުގައި 85 ކޮޓަރި ހިމެނޭ އިރު ޕޫލްއާއި، އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިންގ ހިމެނިގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

  • އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)

ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް، ހުޅުމާލޭގައި އެސްއެމްއީ ބިލްޑިންގ އެއް އެޅުމަށް ވަނީ ނިންމައިފައެވެ. 10 ފަންގިފިލާގެ މި އިމާރާތް ތަރައްގީ ކުރެވިގެންދާނީ އެސްއޯއީތައް ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށާއި އަދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޮމާޝާލް ޔުނިޓުތައް އިމާރާތުގައި ހިމެނުމަށް ވަނީ ނިންމައިފައެވެ.

އެސް.އެމް.އީ ބިލްޑިންގ އެއް ތަރައްގީ ކުރުމުގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިތުރު ފުރުސަތު ފަހިކޮށްދިނުމެވެ. މިކަމުގެ ސަބަބުން ލޯކަލް ވިޔަފާރިތައް ބާރުވެރި ކުރެވިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. މި އެސްއެމްއީ ބިލްޑިންގައި ކޮންފަރެންސް ރޫމްތަކާއި، ކޯ ވޯކިންގް ސްޕޭސްގެ އިތުރުން ރޫފް ޓޮޕް ގާޑެން އަދި  އިމާރާތުގައި ކޮމާޝަލް އައުޓްލެޓްސް އެއް ހިމެނުމަށް ވަނީ ނިންމައިފައެވެ.

  • އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)

އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އައު ހެޑް އޮފީހެއް އެޅުމަށް ވަނީ ނިންމައިފައެވެ. މި އިމާރާތުގައި ކޮމާޝަލް ސްޕޭސްތަކާއި ި ޓްރެއިނިންގ ސެންޓަރަކާއި، ރިކްރިއޭޝަނަލް އޭރިއާ، ޑެކެއަރ، އެކްސްޕީރިއެންސް ސެންޓަރު، އެގްޒިބިޝަން އަދި ޕާކިންގ ސްޕޭސްތައް ހިމެނުމަށް ވަނީ ނިންމައިފައެވެ. މި މަޝްރޫއުގެ މަޤްސަދަކީ އެފިޝިއެންޓް ވޯކް ސްޕޭސްއެއް އުފެއްމެވެ.

  • އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ)

މިތަނުން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ކޮމްޕްރިހެންސިވް ކެއާގެ ދަށުން އިސްރަށްވެހިންނަށް ހެލްތް އެންޑް ވެލްނެސް ޕްރޮގްރާމްތައް ހިންގޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ ކެއުން ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އެތަނުގައި އޮފީސް މާހައުލެއް ޤާއިމުކުރެވިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮންމެ އިސްރަށްވެއްސަކަށް ބޭނުންވާ ސްޕެލައިޒްޑް ކެއާ ލިބިގެންދާނެ ކަމަށާއި ި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް އެލްޑަލީ ކެއާ ފެސިލިޓީގައި ޕްރޮގްރާމްތައް އިންތިޒާމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަން ތަރައްޤީ ކުރުމަށް ނިންމައިފައިވަނީ އެންމެ ފަހުގެ ވަސީލަތްތަކާއި ސެކިއުރިޓީ ހިމެނޭ ގޮތަށެވެ.

  • ޕާކިންގ ބިލްޑިންގ- އިނޮވޭޓިވް ޕާކިންގ ސޮލިއުޝަން (ހުޅުމާލެ)

ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ފަރުމާކުރާ މި 15 ޕާކިން އިމާރާތުގައި 4،000 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ލިބިގެންދާނެއެވެ. އަަދި މިތަން ފަރުމާކުރުމަށް ނިންމައިފައިވަނީ އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސް ވެވޭ ގޮތަށެވެ. އަދި އެކި ޕާކިންގް ބިލްޑިންތަކަށް ބަހާލައިގެން، ރޫފް ޓޮޕްގައި ރެސްޓޯރެންޓުތަކާއި، ޓެނިސްއާއި، ސްކޭޓް ޕާކާއިމ މިނީ ގޮލްފްއާއި ޖިމް އަދި ރޮކް ކްލައިމްބިން ތަރައްގީ ކުރުމަށްވެސް ވަނީ ނިންމައިފައެވެ. މި މަޝްރޫއަކީ މަގުގެ ދެފަރާތުގައި ޕާކު ކޮށްފަ ހުންނަ މައްސަލައާއި، މަގު ތޮއްޖެހުމުގެ މައްސަލައަށްވެސް ހައްލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

  • އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)

މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ރަނގަޅު އަސަރު ކުރާނެކަމަށާއި ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ އެވެ. އަައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރުމަށް ނިންމައިފައިވާ މަޝްރޫއެކެވެ.

މިއީ، ޒުވާނުންނަށް އެފަދަ ކަންކަމުން ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކުރުމުގެ ފުރުސަތު ފަހިވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. ކުދި ފިހާރަތަކާއި، ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް އެތަނުގައި ލިބިގެންދާނެ އެވެ.

  • ހިސްޓްރީ ސެންޓަރު (ހުޅުމާލެ)

މިއީ ދިވެހިންގެ ދިވެހިވަންތަކަން ދެމެހެއްޓުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، ”ދިވެހިންގެރާއްޖެ“ ސްލޯގަންއާ އެއްގޮތަށް، ދިވެހިންގެ ތާރީހު ދައްކުވައިދޭ މަރުކަޒެކެވެ. އަދި ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ތާރީހު ދައްކާލުމަށް މުހިންމު މަޝްރޫއެކެވެ. މިއީ ރާއްޖޭގެ ތާރީހު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގްސަދުގައި ތަރައްގީ ކުރެވިގެންދާ ތާރީހީ މަރުކަޒެކެވެ.

  • ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)

މި ނޮލެޖް ޕާކަކީ ތައުލީމު އުންގަންނައިދޭ މަރުކަޒުތަކަށް މާލެ ސަރަހައްދުގައި އޮތް ޑިމާންޑަށް ލުއިކަމެއް ގެނެސްދެވޭނެ ޕްރޮޖެކްޓެކެވެ. އެެގޮތުން މިތަނުން، މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެތަނުގައި ލެކްޗަރ ހޯލްސްތަކާއި، ސްޓާފް ރޫމް، މީޓިންގ ރޫމް އަދި ލެބޯޓަރީތަކުގެ އިތުރުން މެނޭޖްމަންޓް އޮފީހެއް ހިމެނުމަށް ވަނީ ނިންމައިފައެވެ. އަދި މި ނޮލެޖް ޕާކުގައި ސްޓޫޑެންޓް ހޮސްޓެލްތައްވެސް ހިމެނިގެންދާނެއެވެ.

  • ނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު)

މިތަނަކީ މާލެ އަދި ހުޅުމާލެއާ ވަރަށް ކައިރީގަ އޮންނަ ގަލުފަޅުގައި ތަރައްގީކުރާ ތަނެކެވެ. މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ. އަދި މިތަނުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރު، ރިކްރިއޭޝަނަލް ސްޕޭސެސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހިމެނުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އިވެންޓު ސްޕޭސް ތަކާއި، ކޮންވެންޝަން ސެންޓަރާއި އެގްޒިބިޝަން ހޯލްސް އަދި ބެންކުއެޓް ހޯލްސް ހިމެނުމަށްވެސް ވަނީ ނިންމައިފައެވެ. މި ޕްރޮޖެކްތްގެ ސަބަބުން ކައިރި ސަރަހައްދުގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހި ވެގެންދާނެއެވެ.

  • ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު)

”ކިނާރިއާ“ ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑް އެކެވެ. މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއް ގޮތުގައެވެ. އެގޮތުން، ގެސްޓް ހައުސް ސްޓޭއާއި ސްޕާތައް ހިމެނުމަށް ވަނީ ނިންމައިފައެވެ. ކުޑަގިރި ފަޅުގައި ތަރައްގީކުރާ މިތަނަށް، މާލެއިން ސްޕީޑް ބޯޓުގައި 15 މިނެޓުން ދެވޭނެއެވެ.

  • ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ)

މި ފެސިލިޓީގެ ސަބަބުން މުދާ ރައްކާކޮށް ބެލެހެއްޓުމުގެ ހަރަދު ކުޑަކުރެވި، ވިޔަފާރުތައް ބާރުވެރި ކުރެވިގެންދާނެއެވެ. މިތަނަކީ ކޯލްޑް ސްޓޯރޭޖާއި، އެމްޕަލް ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ސްޕާޓް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެ ތަނެކެވެ. މިއީ ހުޅުމާލޭގައި މުޅިން އަލަށް ގާއިމުކުރުަމަށް ނިންމައިފައިވާ ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސްއެކެވެ.

  • ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ)

މި މަޝްރޫއުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ހިއްކާފައިވާ ރަށްތަކުގައި ގަސް އިންދުމުގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ތަރައްގީ ކުރާނެއެވެ. މިއީ، މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދަން ނިންމާފައިވާ ގަސް އިންދުމުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އެއްވެ އުޅޭނެ ސަރަހައްދުތަކާއި ބެންޗުތައް ގާއިމްކުރެވިގެންދާނެއެވެ. އަދި މަގުގެ ދެފަރާތުގައި ހިޔާ ލިބޭ ގަސްތަކާއެކު ޖޮގިންނާއި ބައިސްކަލް ދުއްވާނެ ސަރަހައްދުތައް ހެދުމަށްވެސް ވަނީ ނިންމައިފައެވެ.

އެޗްޑީސީން ލޯންޗުކުރި މި މަޝްރޫއުތަކަކީ، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް ލޯންޗުކުރެވިގެންދިޔަ މަޝްރޫއުތަކެކެވެ. އަދި މި މަޝްރޫއުތަކުގެ މަގްސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނައުމެވެ.

މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި ހިންގޭ އިތުރު ދެ ސޯޝަލް ހައުސިންގެ މަޝްރޫއާއި ރޯ ހައުސް މަޝްރޫއެއް އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫތައް ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: