ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ބިލެއް ހުށަހަޅާފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަލާއި ލޭ އޮހޮރުވައިގެން ހޯދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭގެ އިތުރުން، އެފަދަ ބިލެއް ހުށަހެޅުއްވީ ވެރީންގެ ނާޤާބިލުކަމާއި ފަސާދައިގެ ޢަމަލުތައް ފަރުދާކުރަންކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ. ޝާހިދު ވަނީ ކޮންމެ ދުވަހެއްގައި ވެސް ފެނިގެން ދަނީ ޚުދުމުޚްތާރުކަމުގެ ސިފަކަމަށް ވިދާޅުވެފައެވެ.
ޝާހިދު އެހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަކާއި ގުޅޭގޮތުންނެވެ. އެގޮތުން އެ ބިލު ޤާނޫނަކަށް ވެގެން އަންނައިރު އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ނޫސް މަޖައްލާ ޖޫރިމަނާ ކުރެވޭނެ ގޮތްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރެވޭނެ ގޮތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

