ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2024 ނޮވެންބަރު 12 ވަނަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެއެވެ. މީގެ އިތުރުން، މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމާއެކު، އަންނަނިވި ކަންކަން ވެސް މަނާވާނެއެވެ. އަދި ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުންވެސް މަނާވާނެއެވެ.
ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި، 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުންވެސް މި ގާނޫނާއިއެކު މަނާވާނެއެވެ.
ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ނޫންކަން ޔަގީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި، ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުންވެސް މަނާވާނެއެވެ.
މީގެ އިތުރުން މި ގާނޫނާއިއެކު، ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.
ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުންވެސް މަނާވާނެއެވެ. ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫންވެސް ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ އުފެއްދުންވެސް މަނާވާނެއެވެ.
ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން މަނާވެގެންދާއިރު، ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ ދިވެހިރާއްޖޭގައި ބެހުން ނުވަތަ ވިއްކުންވެސް މަނާވާނެއެވެ.
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅައިފައެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ، މި ޤާނޫނުގެ 2-10 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާނީ، 15 ޑިސެންބަރު 2024 ގައެވެ. މި ޤާނޫނުގެ ދެންހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ، 15 ނޮވެންބަރު 2024 އިން ފެށިގެންނެވެ.

