ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކުރަން އަންގައި ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރު ކުރަން ލާޒިމު ކުރާ ގަވައިދަށް އަމަލު ކުރެވެން ނެތްކަމަށް ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުންދާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) މަރުކަޒީ ބޭންކު އެމްއެމްއޭއަށް އަންގައިފި އެވެ.
ބޭރު ފައިސާގެ ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަންވާނީ ރުފިޔާއިން ކަމަށެވެ. އިސްތިސްނާ ވާ ހާލަތަކީ އޭގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތް ބޭރުފައިސާ އިން ދިނުމާއި ބައިނަލްއަގްވާމީ މުއާމަލާތްތަކާއި ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު އަދި އެކްސްޕޯޓް ކުރެވޭ މުދަލާއި ހިދުމަތުގެ އަގުންނެވެ.
މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
ބޭރު ފައިސާއާއި ބެހޭ ގަވައިދުގެ ދަށުން، އެމްއެމްއޭގައި އޮކްޓޯބަރު 30 ގެ ކުރިން ރެޖިސްޓްރީ ކުރަން އެންގި އެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓުތައް ގަވައިދުގެ ދަށުން ރެޖިސްޓްރީ ކުރި ނަމަވެސް އެކަމަށް ދެކޮޅު ހަދައި އެމްޔޫ މަނިކު އެމްއެމްއޭއަށް ފޮނުވި ސިޓީގައި ވިދާޅުވީ ޑޮލަރު މާރު ކުރަން ޖެހޭ ގަވައިދު ހަދާފައި ވަނީ އިންޑަސްޓްރީއާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ހުވަފެންފުށި މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސް ނަމުގައި ފޮނުވި އެ ސިޓީގައި އޭނާ ވިދާޅުވީ މިއީ ރިސޯޓުތައް ހިންގާ މީހުންނަށް އިންސާފުވެރިކޮށް އޮތް ގަވައިދެެއް ނޫންކަމަށެވެ. އަދި އިންސާފުވެރި ނޫންކަމަށް ސިޓީގައި ފާހަގަކޮށްފައި ހުރި ނުކުތާތަކަކީ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރުމަށް ކަނޑައަޅާފައި ވަނީ ރޫމް ރޭޓާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު އަދި ގެސްޓް ހައުސްއަށް އަންނަނީ އާއިލާއާއި އެކު ތޯ ނުވަތަ ދަރިންނާއި އެކު ތޯ ވެސް ނުބެލުމެވެ. އަދި 250 ޑޮލަރަށް ވިއްކާ ރޫމެއްގައި ތިބޭ ފަތުރުވެރިންނަށް ލިބޭ 1000 ޑޮލަރުގެ އާމްދަނީއަށް ބަލައި 200 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ނުހެދޭނަކަމަށް ވެއެވެ.
ސިޓީގައި ބުނެފައިވާ ގޮތުން އެ ކުންފުންޏަކީ، ގަވައިދުން ބަރާބަރަށް ޓެކްސް ދައްކަމުން އައި ކުންފުންޏެވެ.
މީގެއިތުރުން އުއްޗު ފޮނުވި ސިޓީގައި ވެސް ފާހަގަކުރީ އެއް ސަބަބުތަކެވެ. އެގޮތުން ކޮންމެ މަހަކު ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރުމުން ވިޔަފާރިތަކަށް އޭގެ ގެއްލުންތައް ވާނެކަމަށް ވެއެވެ. އަދި މިއީ ސީދާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އަމާޒުކޮށް އެޅި ފިޔަވަޅެއްކަމަށް ވިދާޅުވި އެވެ.
އުއްޗު ވިދާޅުވީ މިފަދަ ގަވައިދެއް ގެންނަން ވާނީ، ވިޔަފާރިތަކާއި މަޝްވަރާކޮށްކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެފަދަ އެއްވެސް ހިޔާލެއް ހޯދާފައި ނުވާކަމަށެވެ. ސަރުކާރުގެ ނިންމުން މުރާޖައާ ކުރުމަށް ގޮވާލައި އުއްޗު ވިދާޅުވީ ގަވައިދަށް ތައްޔާރުވުމަށް ވެސް ވަގުތު ނުދޭކަމަށެވެ.
ގަވައިދުގައި ވާ އެންމެ ބޮޑު މައްސަލައެއްކަމަށް އުއްޗު ވެސް ވިދާޅުވެފައި ވަނީ، ފަތުރުވެރިން ހޭދަކުރާ މުއްދަތު ނުބެލުމާއި ރިސޯޓުތަކުގެ ފެންވަރަށް ބެލުމެއް ނެތި ހުރިހާ ރިސޯޓަކަށް ވެސް އެއް ރޭޓެއް ކަނޑައަޅާފައިވުމެވެ. އަދި އެއް ހަމައަކުން ހުރިހާ ރިސޯޓެއް އަމަލު ކުރަން ޖެހުމަކީ، މާލީ ގޮތުން އިންސާފެއް ނޫންކަމަށް ވިދާޅުވި އެވެ.
ސިޓީ ނިންމަވާލައްވަމުން އުއްޗު ވިދާޅުވީ، ވޭތުވެ ދިޔަ 40 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވި ވިޔަފާރިއެއްގެ ގޮތުން ސަރުކާރުން ބޭނުންވާ ކަންކަމުގައި އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމަށެވެ. އަދި މިހާރު ވެސް ޓެކްސްއާއި، ފީ ދައްކަމުންދާއިރު އައު ގަވައިދެއްގެ ދަށުން އެހެން ގޮތަކަށް އަމަލު ކުރަން ޖެހުމަކީ ދެމެހެއްޓެނިވިކަމެއް ނޫންކަމުގައި ވިދާޅުވި އެވެ.
އައު ގަވައިދަށް އެމްއެމްއޭ ބުނެފައި ވަނީ މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަަކަށް ވެސް މާލީ ބުރައަކަށް ނުވާނޭ ގޮތަށެވެ. އެގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ޓުއަރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓުރިސްޓު ރިސޯޓުތައް އަދި ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް އަދި އެ ނޫން ވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ހިމަނާފަ އެވެ.

