އެކަށީގެން ނުވާ ގޮތެއްގެ މަތިން މަސައްކަތްތަކެއް ފެށިފައި އޮތުމުގެ ސަބަބުން ހުއްޓާލަންޖެހުނުކަމަށް ބުނަން ސަރުކާރުން ނޭދޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އާއިއެކު އެއް އަހަރު ހަމަވުމާއިއެކު ދިވެހިރާއްޖޭގެ އިގްތިސާދީ ދާއިރާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދުވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މި ސަރުކާރަށް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވުނު އިރު އެސްއީޒެޑްގެ މަސައްކަތްތައް އޮތީ ހުއްޓާލާފައިކަމަށާއި އެސްއީޒެޑްގެ ގާނޫނު ވުޖޫދުވެފައި އޮއްވާ އެމްޑީޕީއަށް 2019 ވަނަ އަހަރުގައި ވެރިކަމަށް އާދެވުމާއިއެކު އެ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށްޓަކައި ހުއްޓުމަކަށް ގެނައިކަމަށެވެ.
ސައީދު ވިދާޅުވީ، އެ ހިސާބުން ދިވެހިރާއްޖެއަށް ކުރިއެރުން ހާސިލުކުރެވެން އޮތް ދާއިރާތަކަށް ފަސް އަހަރު ދުވަސް ގެއްލިގެންދިޔަކަމަށާއި ރައީސް ޑރ މުއިއްޒުވަނީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެ މަސައްކަތްތައް އަލުން ފެށާނެކަމާއި ފާޙަގަކުރެވޭ ވަރުގެ ކުރިއެރުންތަކެއް އެ މަސައްކަތްތަކުގައި ގެނެސްދެއްވާނެކަން މެނިފެސްޓޯ އެކުލަވާލައްވަމުން ދިޔަ ދުވަސްވަރު ހާމަކުރައްވާފައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ވެރިކަމާއި ހިސާބަށް ވާސިލުވެވުމާއިއެކު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އެސްއީޒެޑްގެ މަސައްކަތްތައް ފެއްޓެވުން ހިމެނޭއިރު އެމަނިކުފާނުވަނި ރައީސުލްޖުމުހުރިއްޔާއަށް ލިބިގެންވާ ބާރުތަކުގެ މަތިން އެސްއީޒެޑްގެ ތެރެއިން މަސައްކަތްތައް ކުރުމަށްޓަކައި 9 ދާއިރާއެއް ކަނޑައަޅުއްވައި އެކަން އިއުލާނުކުރައްވާފައިކަމަށެވެ. އަދި އެގޮތުން މިހާރު ރާއްޖޭގެ ތަރައްގީގެ ތާރީހުގައި ފުރަތަމަ ފަހަރަށް 100 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށްޓަކައި އެސްއީޒެޑްގެ ތެރެއިން ފެށިފައިވާ މަސައްކަތްތަކަކަށް އެކަން ކުރިއަށް ގެންދިއުމަށްޓަކައި ދިރާސާތައް ކުރުމުގެ ހުއްދަ ދޫކުރެވިފައިވާކަމަށެވެ.
ސައީދު ވިދާޅުވީ، އެއީ ރައީސްގެ އެންގެވުމުގައި ހިމެނޭ އެއް ދާއިރާކަމަށާއި މިހާރު އެ މަސައްކަތްތައް އޮތީ އަމަލީ ސިފައެއް ޖެހުމާއި ގާތުގައިކަމަށެވެ. މިނިސްޓަަރ ވިދާޅުވީ، އެސްއީޒެޑްގެ މަސައްކަތްތަކަކީ ރާއްޖެއަށް އައު ކަމެއްކަމަށާއި އެހެންކަމުން ކޮންމެ ނިންމުމެއް އަދި ކުރާ ކޮންމެ މަސައްކަތެއްވެސް ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އިސްކަން ދޭކަމަށެވެ. ސަބަބަކީ ސަރުކާރުން ހިންގާ މަޝްރޫޢުއެއްގެ ބިންގާ އެކަށީގެން ނުވާ ގޮތެއްގެ މަތިން އެޅިފައި އޮތުމުގެ ސަބަބުން ހުއްޓާލަންޖެހުނީކަމަށް ބުނުމަށް ސަރުކާރުން ނޭދޭތީކަމަށެވެ.

