ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހާލަތު ގޯސްވީ ޗާޕުކޮށްގެން ނޫން ގޮތަކަށް މަޝްރޫޢުތައް ހިންގެން ނެތްކަމަށް ދެކުމުން: ސައީދު

މިނިސްޓަރު ސައީދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެގެންދިއުމަކީ އެމްޑީޕީގެ ދައުރުގައި ފައިސާ ޗާޕުކޮށްގެން ނޫންގޮތަކަށް މަޝްރޫޢުތައް ހިންގެން ނެތްކަމަށް ދެކިގެން މަސައްކަތްތައް ކުރަމުންދިއުމުގެ ނަތީޖާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރު ފުރުމާއިއެކު ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖުގައި މިނިސްޓަރު ސައީދުވަނީ އިގްތިސާދީ ގޮތުން ކުރިމަތިވެގެންދިޔަ ދަތިތަކާއި އެކަންކަން ދިމާވި ސަބަބު އަދި ހައްލުތަކެއް ގެނައުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ. އެގޮތުން ޑޮލަރުގެ ތާށިކަމުގެ މައްޗަށް އަލިއަޅުއްވައި މިނިސްޓަރުވަނީ ޕީއެންސީއިން އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އިގްތިސާދާއި މާލި ދާއިރާއިން ގޮންޖެހުންތައް ކުރިމަތިވެގެންދާނެކަމުގެ އިންޒާރުތައް ދެމުން އައިކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މާލީ މަސައްކަތްތައް ކުރަމުން އައި ގޮތުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރައިގެންދާނެކަމަށް އޭރު ބުނަމުން އައިކަމަށާއި މީޑިއާތަކުން އެއްކޮށް ގެންގުޅޭ މައުލޫމާތުތަކަށް ބެލުމުން އޭރު މި ކަންބޮޑުވުންތައް ފާޅުކުރަމުން އައިކަން ފެންނަން އޮންނާނެކަމަށެވެ. ސައީދު ވިދާޅުވީ، އޭރު ހުންނެވި ރައީސް ސާލިހުގެ ގާތުމުގައި ހިންގަމުންދިޔަ އަމަލުތައް ހުއްޓާލުމަށް އާދޭސްކުރަމުން އައިސްފައިވާނެކަމަށާއި މައްސަލަ ގޯސްވެގެންދިއުމުގެ ފުރުސަތު ބޮޑުކަމަށްވުމުން އޭރު ހުންނެވި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރައްވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި މައްސަލައިގެ ކަންބޮޑުވުންތައް ބަޔާންކޮށް އަމިއްލައަށްވެސް ސިޓީ ލިޔުއްވައި ފޮނުއްވާފައިވާނެކަމަށާއި ކުރަމުން އައި މަސައްކަތްތަކުގެ ސަބަބުން 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ޑޮލަރުގެ އަގު 21 ނުވަތަ 22 ރުފިޔާއަށް އަރައިގެންދާނެކަމަށް ބެލޭވޭކަން އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުންތަކުގައިވެސް ހިއްސާކުރެއްވިކަމަށެވެ.

ސައީދު ވިދާޅުވީ، މިކަމުގައި ޖަވާބެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އޭރު އެމްއެމްއޭގެ ތެރޭގައިވެސް މާލީ މަސައްކަތްތަކާއިމެދު ކަންބޮޑުވުންތައް ހުރިކަން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހާމަވެފައިވާކަމަށާއި އެ މުއައްސަސާއިން އޭރު ސަރުކާރުން ހިންގަމުންދިޔަ އަމަލުތަކަށް ތާއީދުނުކުރާކަންވެސް އެނގިގެންދިޔަކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން މާލި މަސައްކަތްތައް ކުރަމުންދިޔައީ އެއްވެސް ޒިންމާދާރުކަން ނެތްގޮތެއްގެމަތިންކަންވެސް އެމްއެމްއޭގެ އިސް އޮފިޝަލުންގެ ފަރާތުން އެނގިފައިވާއިރު ސަރުކާރުން އޮތީ ރާއްޖޭގެ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑުކޮށްފައިކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގައި މަސައްކަތްތައް ކުރަމުން އައި ގޮތުގެ ސަބަބުން މުޅި މާލީ ނިޒާމު އޮތީ ހަލާކުވެފައިކަމަށާއި ހަރަދުތައް ކުރަމުންދިޔައީވެސް އެއްވެސް ޒިންމާދާރުކަމެއް ނެތިކަމަށެވެ. ސައީދު ވިދާޅުވީ، މޮނެޓަރީ ސިޔާސަތުވެސް އޮތީ އެއްކޮށް ހަލާކުވެފައިކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރާއި ހިސާބަށް މި މައްސަލަތައް ވާރުތަވެގެން އައިކަމަށެވެ. އަދި މިކަންކަން ހަމަ މަގަކަށް އެޅުވުމަކީ ކުޑަ މަސައްކަތްތަކެއް ނޫންކަމަށް ވިދާޅުވިއިރު ގިނަ މަސައްކަތްތަކެއް ކުރަމުންދާން ހިއްސާކުރެއްވިއެވެ.

ސައީދު ވިދާޅުވީ، ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ ވީޑިއޯތައް ކޮށައި މެށުމަށްފަހު ހަގީގަތް އޮޅިގެންދާގޮތަށް އިދިކޮޅު ފަރާތްތަކުން ދައުރުކުރަމުންދާކަމަށެވެ. އެގޮތުން ދެ މަސް ދުވަހުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް މާލިއްޔާތު ކޮޅަށް ޖަހާނެކަމަށް ވިދާޅުވެފައިވާކަމަށް ބުނެ ހަގީގަތް އޮޅިގެންދާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދާއިރު މިއަދުވެސް އޭރު ދެއްކެވި ވާހަކަތަކާއި ގެންގުޅުއްވި ހިޔާލުތަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އަމާޒުކުރަނީ ދެ މަސް ދުވަހަށް ނޫންކަމަށާއި މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް މައްސަލަތައް ހައްލުކުރުމަށްކަމަށެވެ.

އެހެންނަމަވެސް މުޅި ބާޒާރަށް ނުކަތާ ވަރަށް ދިވެހި ރުފިޔާ ޗާޕުކޮށްގެން ނެރެ މަޝްރޫޢުތައް ހިންގުމަށް އޮތް ހަމައެކަނި ހައްލަކީ ދިވެހި ފައިސާ ޗާޕުކުރުންކަމަށް ދެކިގެން މަސައްކަތްތައް ކުރަމުން ދިއުމުގެ ސަބަބުން ސަރުކާރު ނިމިގެންދިޔައިރު 122 ބިލިއަން ރުފިޔާގެ ދަރަންޏެއް އުފެދިގެންދިޔަކަމަށެވެ. އަދި އެކަމުގެ ސަބަބުން ޗާޕުކޮށްފައިވާ 8 ބިލިއަންވެސް މާކެޓުގައި ދައުރުވަމުންދިޔަކަމަށާއި ދައުރު ނިމިގެންދިއުން ފެށިގެންދިޔައީ އެކަމުގެ ނަތީޖާތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: