މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޖުމްލަ އަދަދު 7000 އަށްވުރެ މައްޗަށް އަރާ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ދަނޑުވެރިކަމަށް ޖުމްލަ 85 ރަށެއްގައި މީހުން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން ޖުމްލަ 7627 ފަރާތްތަކުން ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި 53 އިންސައްތަ އަންހެނުންނާއި 47 އިންސައްތަ ފިރިހެނުން ހިމެނެއެވެ.
މީގެ އިތުރުން ދަނޑުވެރިކަމާއި ގުޅުހުންހުރި މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަކަށް 49 ރަށެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ވަރުވާއަށް 54 ލިޔެދީފައވާއިރު، މި އަހަރު ޖުމްލަ 18 ރަށެއް މޮނީޓަރ ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. އޭގެ ތެރޭގައި ހއ، ހދ، ށ، ނ، އަދި ލ އަތޮޅުގެ ރަށްތައް ހިމެނެއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އެކްޝަން ޕްލޭންއެއް ވަނީ އެކުލަވައިލާފައެވެެ. މިގޮތުން 2024-2028 އަށް އެކުލަވާލައިފައިވާ މިޑްރާފްޓް ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގައި އިސްކަންދީފައިވާނީ ދަނޑުވެރިކަމުގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމާއި ކާނާގެ ޔަޤީންކަން އިތުރުކޮށް ބޭރުން އެތެރެކުރެވޭ ދަނޑުވެރި އުފެއްދުންތައް މަދުކުރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ދަނޑުވެރިކަމާއި ގުޅުންހުރި އިލްމީ ދިރާސާތަކާއި ތަމްރީނުތަކުގެ އަލީގައި ސިނާއަތުގެ ޤާބިލުކަން އިތުރުކުރުމާއި ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ފުޅާ ކުރުން ހިމެނިގެން ގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި އެކްޝަން ޕްލޭނަށް ޙިޔާލު ހޯދުމަށް ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް 2025 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

