ދެމަފިރިން ވަރިވުމުން ދަރިންގެ ހަރަދަށް ދޭ އެލަވެންސް ބޮޑުކޮށް ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފޮނުވި އެ ސިޓީގައި ވަނީ އާއިލާއާއި ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުވަލަވާލާފައިވާ ގަވައިދަށް ހަވާލާދެއްވައި މެމްބަރު ވިދާޅުވީ ކުއްޖާގެ އުމުރުން 18 އަހަރު ފުރެން ދެން ހަރަދަށާއި ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރި ނަމަ 2000 ރުފިޔާ އަދި އެއްކުއްޖަކަށް ވުރެ ގިނައިން ކުދިން ތިބި ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ދޭންވާނެ ބުނާކަމަށެވެ.
އިބްރާހިމް ވިދާޅުވީ ހަރަދު ދިނުމުގައި ބަލަނީ ސަރުކާރުގެ ބޭސް ފަރުވާ ދޭ މަރުކަޒުތަކުގެ ރޭޓަށްކަމަށާއި، ކުއްޔާގެ ހާލަތާއި ބައްޕަގެ ތަނަވަސްކަމަށް ރިއާޔަތްކޮށް ވެސް އިތުރު ހަރަދުތައް ނެގިދާނެކަމަށް ގަވައިދު ބުނާކަމަށެވެ. އެކަމަށް އޭނާގެ ސިޓީގައި ވިދާޅުވީ ތަކެތީގެ އަގާއި ހިދުމަތުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު މަހެއްގެ މައްޗަށް 2000 ރުފިޔާ ދަރީންގެ ހަރަދަށް ދިނުމަކީ ފުއްދޭ ވަރަށް ވުރެ މާ ކުޑަ ކަމަށެވެ.
އެގޮތުން ކުދިންގެ ސްކޫލާއި ޓިއުޝަން ފީތައް ވެސް އެ އަދަދުން ހަމަނުޖެއްސޭނެކަން ސިޓީގައި ވެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ކާންދޭ ތަކެއްޗާއި، ބޭނުންވާ ޒަރުރީ ތަކެތީގެ ތެރޭގައި ހިމެނޭ ނެޕީގެ ހަރަދު ވެސް ނުބެލެހެއްޓޭނެކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވެފައި ވަނީ ކޯޓުތަކުގައި ކުރިޔަށް ދާ ދިގު މަރުހަލާތަކަށް ފަހު ވެސް ލިބޭ އަދަދަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި އޭގެ ސަބަބުން އެކަނިވެރި މައިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވި އެވެ.
މައްސަލައިގައި އިބްރާހިމް އެދިފައި ވަނީ ރައްޔިތުންގެ މަޖީލިހުގެ ކަމާއިބެހޭ ކޮމިޓީ މެދުވެރިކޮށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކޮށް ގަވައިދަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށެވެ.

