ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ބަދަލު ދިނުމުގެ މަސައްކަތްތައް ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރު ގަފޫރުވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްތައް ގާނޫނާއި ހިލާފަށް ކުރަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރަމުންދަނީ އެޗްޑީސީގެ ފައިސާ ބޭނުންކޮށްގެންކަމަށާއި އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ފުށިދިއްގަރުފަޅަކީ އެޗްޑީސީއަށް ރަޖިސްޓްރީކުރެވިފައިވާ ތަނެއް ނޫންކަމަށާއި އެތަނާއި އެޗްޑީސީއާއި އެއްވެސް ގުޅުމެއްވެސް ނެތްކަމަށެވެ.
ގަފޫރު ވިދާޅުވީ، އެޗްޑީސީގެ ފައިސާއިން އެތަނަށް ހަރަދުކުރަންޖެހޭނީ އެ ކުންފުނީގެ މިލްކެއްގެ ގޮތުގައި އެތަން ކަނޑައެޅުމަށްފަހުކަމަށާއި މިއަދާއި ހަމައަށްވެސް އެކަންކޮށްފައިނުވާކަމަށެވެ. އޭނާވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާ އަދި ރަށްތަކުގެ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައިވުމުގެ މައްޗަށްވެސް މި ފުރުސަތުގައި އަލިއަޅުއްވާފައެވެ.
ގަފޫރު ވިދާޅުވީ، އެމަކީ ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށާއި ދިވެހި ރައްޔިތުންގެ އެންމެހާ ހައްގުތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ރައީސްކަމުގައި ހުންނަވާ މީހެއްގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި އެ މާއްދާގެ ދަށުން އެ މަގުސަދު ފުރިހަމަކުރުމުގެ ބޭނުމުގައި ކޮމިޓީތައް އުފެއްދުމުގެ ބާރު ރައީސްއަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި ސެޓްލްމެންޓް ކޮމިޓީ އުފައްދާފައިވަނީ އެ އުސޫލުންކަމަށާއި އެ ކޮމިޓީން ނިންމި ކޮންމެ ނިންމުމަކީ ކެބިނެޓުން ފާސްކޮށް އޭޖީގެ ޝާމިލުވުމާއެކު ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކެއްކަމަށް މައުލޫމާތު ދެއްވިއެވެ. ގަފޫރު ވިދާޅުވީ، އެހެންކަމުން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ގޮތް ހުސްވުމުގެ ސަބަބުން ބިރުދެއްކުމުގެ އަމަލުތައް ހިންގުންކަމަށާއި މިއަދުގެ ހާލަތަށް ބަލާއިރު ތެލާއި ކާޑު ގެނައުމަށްޓަކައި އަނެއްކާވެސް 50 މިލިއަން ޑޮލަރު ތިން އަހަރުން ދައްކާ ގޮތަށް ނަގާފައިވާކަމުގެ ލިޔެކިއުން މާލިއްޔާތު ކޮމިޓީއަށް އައިސްފައިވާކަމަށެވެ.

