އައު އަހަރާ ދިމާކޮށް، ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ގެ ދަށުން މާލެ ޕޮލިސްއިން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތްތަކަކީ އައު އަހަރާ ދިމާކޮށް ދަތުރުފަތުރާއި އެކިއެކި ހަރަކާތްތައް އިތުރުވާނެކަމަށް ބެލެވޭތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އާންމު މަސްލަހަތު އަދި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ފަށާފައިވާ މަސައްކަތްތަކެކެވެ.
މި މަސައްކަތްތައް ފެށުމުގެ ގޮތުން ވަނީ މާލެ ޕޮލިސްގައި ހިމެނޭ ބަހާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބްރީފިންގ ބާއްވާފައެވެ. މި ބްރީފިންގގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި މާލެ ޕޮލިސްގައި ހިމެނޭ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މާލެ ޕޮލިސްއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އޮޕަރޭޝަނުގެ ދަށުން މާލެ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވޭނެއެވެ. އަދި ޝައްކުކުރެވޭ ފަރާތްތައް ހުއްޓުވައި ބަލައި ފާސްކުރުމުގެ ހާއްސަ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، އާންމު މަސްލަހަތު އަދި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށްވެސް މާލެ ސިޓީ ޕޮލިސްއިން މައުލޫމަތު ދެއްވައެވެ.
މި މަސައްކަތްތަކަކީ މާލެ ޕޮލިސް އާއި ގުލުންހުރި އެހެނިހެން ބަހާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.
އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ގެ ދަށުން މާލެ ޕޮލިސް އިން މަސައްކަތްތައް ފަށާފައިވާއިރު، ޑްރަގް އެންފޯސްމަންޓް އަދި ހުޅުމާލެ ޕޮލިހުންވެސް ވަނީ މަސައްކަތްތަކެއް ފަށާފަށެވެ.

