މިއަހަރުގެ 2 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އައި ދުވަހުއެވެ.
ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިއާގެ އަންހެން ފަތުރުވެރިއެކެވެ. އޭނާ ރާއްޖެ އައީ އާއިލާ އާއެކުގައެވެ. އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ ރެފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގައެވެ.
އޭނާއަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ބައިވެރިވެވަޑައިގަންނަވައެވެ.

