2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާއާ ގުޅޭ ”ވިލުންތެރި 20 މައުރަޒު“ އިފްތިިތާޙުކޮށްފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ ދުވަހު އަރާފައިވަނީ މުޅި ދިރިއުޅުމަށް ލޮޅުން އަރުވާލި ބިން ހެލުމާއި އެކު އެރި ސުނާމީއެއް ކަމަށެވެ. އަދި އެ ސުނާމީގައި ގެދޮރާއި، އޮޑިދޯނި ފަހަރާއި، ދިރިއުޅުމަށް ވީގޮތް މި މައުރަޒުން ފެނިގެން ދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، އެކަމުން އަރައިގަތުމަށް އެހީތެރިކަމާއެކު އެކަކު އަނެކަކަށް ދިން އެއްބާރުލުމުގެ ތެރެއިން ދިވެހީންގެ ދިރިއުޅުން އަލުން ބިނާކޮށް ހަމަޖެހިގެން އައިގޮތް މައުރަޒުން ފެނިގެން ދާނެ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.
ނެޝަނަލް އާޓް ގެލެރީގައި މި މައުރަޒު ކުރިއަށް ދާނީ ބުރާސްފަތު ދުވަހުން އާދިއްތަ ދުވަހަށެވެ. އެގޮތުން މައުރަޒު ހުޅުވިފައި ހުންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހަމައެއާއެކު ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނނދުނު 10:00 ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ ކުރިއަށް އޮތް 7 އަހަރަށް ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ޚާއްސަ އިސްތިރާޖެއްވެސް އެކުލަވާލާފައެވެ. މި އިސްތިރާޖު އިފްތިތާޙު ކޮށްދެއްވީ ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފެވެ.

