ބައެއް ވުޒާރާތައް އެއް ކޮށްލުމަށްފަހު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް މިއަދުގެ ވަގުތެއްގައި ގެންނަވައިފިއެވެ.
ރައިސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ބަދަލުތައް ގެނައިކަން ސަންގަށް ކަށަވަރުކޮށްދެއްވާފައެވެ.
ހީނާ ވިދާޅުވި ގޮތުގައި ބަދަލުތައްް ގެންނެވި މިނިސްޓްރީތަކަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިތުރުން އެނިމަލް ވެލްފެއާ މިނިސްޓްރީއެވެ.
އެގޮތުން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމަށްފަހު، އެ ވުޒާރާގެ ހިންގުން ހަވާލުކުރީ ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މުއްތޮލިބްއަށެވެ.
ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ އަލީ ހައިދަރު ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވާފައެވެ. އަދި ފިނޭންސް އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށް މަގާމަށް މޫސާ ޒަމީރު ވަނީ އައްޔަނުކޮށްފަ އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ މަރްޔަމް މާރިޔާ މިހާރު ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.
މި ބަދަލާއިއެކު ބައެއް މިނިސްޓްރީތަކުގެ ނަން ވަނީ ބަދަލުކޮށްފައެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.
ފުރަތަމަ ގެންނެވި ބަދަލަކީ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރެއްވުމާއި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް ބަދަލުކުރެއްވުމެވެ. އަދި ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު އޭރު އިސްތިއުފާދެއްވީއެވެ.

