މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިގްތިސާދުގެ ގިނަ ދާއިރާތަކެއްގެ އުފެއްދުންތެރިކަން އިތުރުވެ ދާއިރާތައް ފުޅާވެފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މައުލޫމާތުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ ތަފާސްހިސާބުތައް އެކުލަވާލާ މުއައްސަސާގެ މައުލޫމާތުތަކުގައިވާގޮތުން ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ފައިނޭންޝަލް ސާވިސަސް ދާއިރާގެ އުފެއްދުންތެރިކަން ކުރީ 556 މިލިއަން ރުފިޔާގައިކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށްވުރެ 4.3 އިންސައްތައިގެ އިތުރުވުމެއްކަމަށާއި މިކަމުގެ ސަބަބުން އަހަރަކުން އަހަރަކަށް މި ދާއިރާ ކުރިއަރަމުން އަންނަކަމަށް ފެނިގެންދާކަމަށެވެ.
ޑިސެމްބަރު 17 ވަނަ ދުވަހު އާންމުކޮށްފައިވާ މަހުން މަހަށް އިގްތިސާދު ފުޅާވެގެންދާގޮތުގެ ތަފާސް ހިސާބުން ދައްކާގޮތުން އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ދާއިރާގެ ޖުމުލަ އުފެއްދުންތެރިކަން ހުރީ 1.1 ބިލިއަންގައިކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ބަލާއިރު މި ދާއިރާ 7.2 އިންސައްތައިން ފުޅާވެފައިވާކަމަށް ދައްކާކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 9 އިންސައްތައިން ފުޅާވެގޮސްފައިވާކަމަށްވުމުން ދާއިރާގެ މަސައްކަތްތައް އިތުރުވަމުންދާކަންވެސް ފެނިގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަރަންޓާއި ފެން އަދި ކުނި ނައްތާލުމުގެ ދާއިރާގެ އުފެއްދުންތެރިކަން ހުރީ ޖުމަލަ 184 މިލިއަން ރުފިޔާގައިކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، އޮގަސްޓު މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް ލިބިފައިވާކަން ފެނިގެންދާކަމަށާއި ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު 12.8 އިންސައްތައިން މި އަހަރު ދާއިރާ އިތުރަށް ފުޅާވެފައިވާކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 9.5 އިންސައްތައިން ފުޅާވެފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. މި ދާއިރާ ފުޅާވެގެންދިއުމަށް ދިމާވި މައިގަނޑު ސަބަބުތަކަކީ ކަރަންޓު އުފައްދާ މިންގަނޑު އިތުރުވުމާއި ފެން ފޯރުކޮށްދެވޭ މިންވަރުތައްވެސް އިތުރުވެފައިވުމެވެ.
ޑިސެމްބަރު 17ގައި އާންމުކޮށްފައިވާ މި ރިޕޯޓުގައިވާގޮތުން އޮކްޓޫބަރު މަހުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގެ ޖުމުލަ އުފެއްދުންތެރިކަން ހުރީ 399 މިލިއަން ރުފިޔާގައިކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު ކޮންމެވެސް ވަރަކަށް ފުޅާވެފައިވާކަމަށް ފެނިގެންދާކަމަށާއި ރޭޓު ހުރީ 0.7 އިންސައްތައިގައިކަމަށެވެ. ނަމަވެސް ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ބަލާއިރު މި ދާއިރާގެ އުފެއްދުންތެރިކަންވަނީ 11.1 އިންސައްތައިން ދަށްވެފައިކަމަށެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ދާއިރާއަށް ބޮޑެތި ލޮޅުންތައް އައިސްފައިވެއެވެ. މައިގަނޑު ސަބަބުތަކަކީ ދުނިޔޭ ބާޒާރުގައި ދާއިރާއަށް ނިސްބަތްވާ ސާމާނު އަގުބޮޑުވެގެންދިއުމާއި އެހެނިހެން މާލީ ދަތިތަކުގެ އިތުރުން ކާރިސާތައްފަދަ އަންދާޒާ ނުކުރެވޭ ބައެއް ކަންކަން ކުރިމަތިވެފައިވުމެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހޯލްސޭލް ރިޓޭއިލް ދާއިރާގެ އުފެއްދުންތެރިކަންހުރީ 856 މިލިއަން ރުފިޔާގައިކަމަށްވާއިރު ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ބަލާއިރު އަދި މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރުވެސް މި ދާއިރާ ފުޅާވެފައިވާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު 5.2 އިންސައްތައިން އިތުރުވެފައިވާކަމަށާއި މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 0.2 އިންސައްތައިން ފުޅާވެފައިވާކަމަށެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ދާއިރާ ފުޅާވެގެންދިޔަ ދުވެލިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި މަޑުޖެހިފައިކަމަށެވެ. މި ދާއިރާ ފުޅާވެގެންދިއުން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ދިވެހިރާއްޖެއަށް އެ މަހެއްގެ ތެރޭގައި އިމްޕޯޓުކުރެވޭ މުދަލުގެ އަދަދުތަކުގެ މައްޗަށްކަންވެސް ބިއުރޯއިން ފާހަގަކޮށްފައިވެއެވެ.

