ވަޒީރުންގެ މަޖިލީހަށް މިއަދު ގެންނެވި ބަދަލާ ގުޅިގެން، އެ މިނިސްޓްރީތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ބަދަލު ގެންނަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް މުއިއްޒު ކެބިނެޓަށާއި މިނިސްޓްރީތަކުގެ މަސައްކަތަކަށް ބަދަލުތަކެއް ގެންނަވާފައިވަނީ ގާނޫނޫއަސާސީން އެމަނިކުފާނަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުންނެވެ. އެގޮތުން މިއަދު އުވާލާފައިވާ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ ރާއްޖޭގެ ބިން ބޭނުންކުރުމާ ގުޅޭ މަސައްކަތްތަކާއި، ރާއްޖޭގެ އަރބަން ސަރަހައްދުތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ އިތުރުން ގައުމީ ތަރައްގީ ރޭވުމާއި ބެހޭ މަސައްކަތްތަކާއި ތަފާސް ހިސާބުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގުން ކުރަމުން ގެންދާ ގޮތަށް އެމަނިކުފާނުވަނީ ހަމަޖައްސަވާފައެވެ.
ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހައި މަސައްކަތްތަކާއި، ސޯޝަލް ހައުސިންގއާބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރައްވަމުން ގެންދިއުމަށްވެސް އެމަނިކުފާނުވަނީ ނިންމަވާފައެވެ. މީގެ ކުރިން މި ވުޒާރާ ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަކީ މިއަދުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިންގަމުންދާނެ ތަނެއްގެ ގޮތުގައިވެސް އެމަނިކުފާނުވަނީ ކަނޑައަޅުއްވާފައެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ފިނޭންސަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 13 ކަމަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ބޭނުން ކުރަމުން އައިސްފައިވާ ނަންބަރުކަމަށްވާ 491 ކަމަށެވެ.

