ގުދުރަތީ މާހައުލަށް ބަދަލެއް ގެނެސްފިނަމަ އެއާއިއެކު ވަށައިގެންވާ ހުރިހާ ކަމަކަށް ބަދަލު އަންނާނެއެވެ. މިއީ އެންމެ އާދައިގެ ވިސްނުމުންވެސް ސާފުވާނެ ހަގީގަތެކެވެ. ބަނދަރެއް އަޅާ ކޮންމެ ފަހަރަކު ވަށައިގެންވާ ސަރަހައްދުގެ އޮއެވަރަށް ބަދަލުތައް އާދެއެވެ. ބިން ހިއްކުމާއިއެކުވެސް އާދެއެވެ. އެހެންކަމުން ކޮންމެ މަސައްކަތެއް ކުރާއިރުވެސް މިކަމަށް ރިއާޔަތް ކުރެވިގެންދިއުން ވަރަށް މުހިންމެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖެ ފަދައިން ވެށީގެ ޒީނަތްތެރިކަމަށް ބަރޯސާވެފައިވާ މާލީ ތަނަވަސްކަމެއް އޮތް ގައުމެއްގައި މިކަމަކީ ދެމެހެއްޓިނިވިކަމާއި ގުޅިފައިވާ ކަމެކެވެ. އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓު ހަދަން މުހިންމީ މި ސަބަބުތަކާއި ގުޅިގެންނެވެ.
ނަމަވެސް ދިވެހިރާއްޖޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގައި ބޮޑެތި އިހުމާލުތައް ވެއްޖެއެވެ. ރައްޔިތުންގެ އަތްތިލަބަޑީގެ އަޑުތައް އަހާލުމުގެ އުންމީދުގައި ކުއްލިއަކަށް ޕްރޮޖެކްޓުތައް ފަށައި ނިންމާލާ މަންޒަރު ފެނިއްޖެއެވެ. މިއަދު ރާއްޖޭގެ ގިނަ ރަށްތަކެއް ފެންބޮޑުވެ، ރައްޔިތުން ހާލުގައި ޖެހެމުންދަނީ ވަގުތީ ތަރުހީބެއް ހޯދާލުމުގެ ބޭނުމުގައި އިހުމާލުތަކެއް ވެފައިވުމުންނެވެ. މިއީ ފެންނަން އޮތް ހަގީގަތެކެވެ. ކަނޑުމެދުން ރަށެއް ހިއްކާލުމުން އަސަރުކުރަނީ ހަމައެކަނި އެރަކަށް ނޫނެވެ. ކައިރީ ވަށައިގެންވާ މަހައުލަށް ބަދަލުތައް އަންނާނެއެވެ. މިއީ ސައިންސްވެރިންގެ ދިރާސާތަކުގެ އަލީގައި އެނގޭ ކަންކަމެވެ.
ދިވެހިރާއްޖޭގައި ހިންގާ ތަރައްގީގެ މަސައްކަތްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކަށް މަގުފަހިވެގެންދާކަމުގެ ހެކިތައްވެސް އެބަ ހުއްޓެވެ. އެގޮތުން ޕެރިސްގެ އިންސްޓިއުޓް ފޯ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޖިއޮގްރަފަރުންތަކެއްވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ހެދި ދިރާސާއެއްގައި ދިވެހިރާއްޖޭގެ 107 ރަށެއްގެ އައްސޭރި ފަށަށް ގެނެސްފައިވާ ތަރައްގީތަކަށް އަލިއަޅުވާލާފައެވެ. އަދި ދިރާސާގެ ތެރޭގައި ހިމެނޭ ދެބައި ކުޅަ އެއްބައި ރަށްތަކުގެ ފަރުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ހިއްސާކުރިއިރު، އެކަމުގެ ސަބަބުން ނަގާ ރާޅުތައް ބަލިކަށިކޮއްލައި ވެލި ޖަމައުކޮށްދިނުމުގެ ގުދުރަތީ މަސައްކަތްތަކަށްވެސް ހީނަރުކަމެއް އައިސްފައިވާކަން ފެނިގެންދާކަން ހާމަކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކުގައި މޫސުމީ ބަދަލުތަކާއިއެކު ރަށްތަކަށް ގުދުރަތީގޮތުން ބަދަލުތައް އައުން ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައިވާކަންވެސް ފާހަގަކުރެވުނުކަމަށް ބުނެފައިވެއެވެ. (Duvat, V. K. E. & Magnan, A. K. Sci. Rep. 9, 15129 (2019))
ގެންނަމުންދާ ބަދަލުތަކާއިއެކު ބޮޑެތި ގެއްލުންތައް ލިބިގެންދިއުމުގެ ފުރުސަތު ހުޅުވިފައިވާކަން މީގެ ކުރިން ސަރުކާރުގެ ފަރާތުން މިފަދަ މަސައްކަތްތަކާއި ހަވާލުވެ ތިއްބެވި ބައެއް ފަރާތްތަކުން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ދީފައިވާ މައުލޫމާތުތަކުން އެނގެއެވެ. މިސާލަކަށް ދަންނަވާނަމަ މީގެ ކުރިން މިނިސްޓަރ އޮފް ޕްލޭނިންގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމް ”ނޭޗާ ޑޮޓް ކޮމް“ އަށް ދެއްވާފައިވާ އިންޓަރވިއުއެއްގެ ވާހަކަތަކަށް ފާހަގަކޮށްލެވެއެވެ. ނަމަވެސް އިސްވެ ފާހަގަކުރި ގޮތަށް އާންމުންގެ އަތްތިލަބަޑީގެ އަޑުފައްގަނޑު އަހާލުމަށްޓަކައި ދެމެހެއްޓިނިވިކަން ނުރައްކަލުގެ ތެރެއަށް ހުށައެޅީއެވެ.
އަސްލަމް ވިދާޅުވީ، ރާއްޖޭގައި ބިން ހިއްކާ ގޮތާއި ބިންކިއްކަމުންދާ މިންވަރުވެސް ހުރީ ހައްދު ފަހަނަ އަޅާ މިންގަނޑުގައިކަމަށެވެ. ނަމަވެސް އެކަން ކޮށްލަނީ އެއީ ރައްޔިތުން ހެއްވާލުމަށް ފަސޭހަ މަގަކަށް ވުމުންކަމަށާއި ސަރުކާރުތަކުން ކޮންމެވެސް މަސައްކަތްތަކެއް ކުރަމުންދާކަން ދެއްކުމުގެ ގޮތުންކަމަށެވެ. އޭނާ ވިދާޅުވީ، ބިން ހިއްކާލުމަކީ ފަސޭހަ މަސައްކަތްކަމަށާއި ދަތިތަކާއި ކުރިމަތިލާންޖެހޭނީ އެއަށްފަހުކަމަށެވެ.

ގަސްތުގައި އިހުމާލުތަކެއްވެފައިވާކަމުގެ ހެކިތަކަށް ބަލާއިރު އެންމެ ފާހަގަކުރެވޭނެ އެއްކަމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެންވައިރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން 4.2 މިލިއަން ރުފިޔާއިން ފެނަކަ ކުންފުނި ޖޫރިމަނާކުރުމެވެ. އީޕީއޭއިން މައުލޫމާތު ދިންގޮތުން އެ ކުންފުނިންވަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދާ 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ ކުރިންވެސް ފެނަކަ ކުންފުނިން ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވައިދާއި ހިލާފުވުމުގެ ސަބަބުން އެ ކުންފުނީގެ މައްޗަށް 6 ފުރުސަތެއްގައި އީޕީއޭއިން ފިޔަވަޅު އަޅާފައިވެއެވެ. ހަމަ ނޭނގުނީތޯއެވެ؟
ފެނަކަ އެކަންޏެއް ނޫނެވެ. އިންތިހާބީ ދުވަސްވަރުތަކުގައި ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ބޮޑެތި އިތުރު ގެއްލުންތައްވެސް ފާހަގަކުރެވެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ޑްރެޖާޒް އެސޯސިއޭޝަނުންވަނީ ދެ ކޮމަންޑޫ ގުޅުވާލުމަށްޓަކައި ހިންގި މަޝްރޫޢުގެ އީއައިއޭ ރިޕޯޓު ގަވައިދާއި ހިލާފުކަމަށް ބުނެފައެވެ.
އެ ޖަމިއްޔާއިން ބުނެފައިވާގޮތުން ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށާފައިވަނީ ރ، އުނގޫފާރު ސަރަހައްދުން ވެލި ނަގައިގެންކަމަށްވާއިރު ފަހުން ތައްޔާރުކުރި އީއައިއޭ ރިޕޯޓް ތައްޔާރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހާއި މޭމަހުގެ ތެރޭގައި ހަދާފައިވާ ސާވޭއަކަށް ބިނާކޮށްކަމަށެވެ. އަދި އެރިޕޯޓުފައި ހިމަނާފައިވާ 80 އިންސައްތަ ވާހަކައަކީ 2021 ވަނަ އަހަރުގެ ތެރޭގައި ހަދާފައިވާ ސާރވޭގައި ފާހަގަކޮށްފައިވާ ވާހަކަތައްކަމަށާއި ރިޕޯޓު ތައްޔާރުކުރުމަށް އިތުރު ދިރާސާތަކެއް ނުހަދާކަމަށްވެސް ބުނެފައިވެއެވެ. ދިރާސާއެއް ކުރުމެއްނެތި އީއައިއޭ އެޑެންޑަމް ރިޕޯޓެއް ތައްޔާރުނުކުރެވޭނެކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެއެވެ. ހަމައެއާއެކު މިމަޝްރޫއު ކުރިއަށްގެންދިޔުމުގެ ކުރިން ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތަށް މަޝްވަރާކުރަންޖެހޭ އެއްވެސް ބަޔަކާއި މަޝްވަރާކޮށްފައިނުވާކަމަށްވެސް ޑްރެޖާޒް އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ.
Sangu News | Your News. Zero lies straight to your eyes. އެހެންކަމުން މިއަދު ކުރިމަތިވަމުންދާ ރަށްގިރުން އަދި ފެންބޮޑުވުން ފަދަ ދަތިތަކަކީ އިހުމާލުތަކެއް ވެފައިވުމުގެ ނަތީޖާކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ. ސައިންސްވެރިން ވަނީ މީގެ އަހަރުތަކެއް ކުރިން މި ހިތި ނަތިޖާތަކުގެ އިންޒާރުތައް ދީފައެވެ. މާލީ މަންފާއެއް ހާސިލުކޮށްލުމަށާއި އިޖްތިމާއީ ހައްލުތަކެއް ގެނައުމަށްޓަކައި ވިސްނުންތެރިކަމެއް ނެތި ހިންގާފައިވާ މަޝްރޫޢުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެކަންކަމުން އަރައިގަތުމަށް މާލިއްޔާތުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހިއްޖެއެވެ.
ޕެރިސްގެ އިންސްޓިއުޓް ފޯ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޖިއޮގްރަފަރަކު މީގެ އަހަރުތަކެއް ކުރިން ވިދާޅުވީ، ބިން ހިއްކައިގެން ކުރިއަށް ދިއުމަށް ނަގާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަގުގައި އެ ރަށްތަކަށް އެހެނިހެން އިތުރު ހަރަދުތައް ކުރަން މަޖުބޫރުކުރުވާނެކަމަށެވެ. އަދި ގުދުރަތީ މާހައުލު ގެއްލިގެންދިއުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއިއެކު އެ ހާލަތްތަކުން އަރައިގަތުމަށް އެތަކެއް އަހަރުތަކެއްވަންދެން އެކި ހައްލުތައް ގެނައުމަށްޓަކައި ހަރަދުކުރަމުންދާންޖެހޭނެކަމަށެވެ. މިއަދު ފެންނަމުންދަނީ އެ މަންޒަރުތަކެވެ. މިއީ ކަނޑައެޅިފައިވާ އުސޫލުތައް މުގުރާލައި އީއައިއޭ ބޮލާލައި ޖެހުމުގެ ނަތީޖާކަމަށް ބުނެވެނީ އިސްވެ ބަޔާންކުރި ސަބަބުތަކާއި ގުޅިގެންނެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ އެންވައިރަމެންޓަލިސްޓު އަދި ދުނިޔޭގެ މިފަދަ ޝަހުސިއްޔަތުތަކުގެ ތެރޭގައިވެސް އެންމެ މަތީ ފަންތީގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ފާޅުކަން ބޮޑުގޮތެއްގައި މިކަންބޮޑުވުންތައް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ހއ މޮޅަދޫގެ ރަށް ގިރުމަށް ދިމާވާ ސަބަބާއި މެދު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އޭރުގެ ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރެއްވުމުން އަސްލަމްވަނީ ރަށް ގިރަން ދިމާވެފައިވާ އެންމެ ބޮޑު ސަބަބަކީ އެ ރަށުގައި ބަނދަރެއް އެޅުުންކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަން ހާމަކުރައްވާފައެވެ.
މި ވާހަކަތަކުގެ ތެރެއިން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. މޮޅަދޫގައި ބަނދަރެއް އެޅުމަށް ބާރުއެޅުއްވީ ކޮންބޭފުޅެއްތޯ ސުވާލުކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ މޮޅަދޫގެ ފަޅުތެރެއަށްވާގޮތަށް އޮތް ޖޭޓީއެއްވާނެ ކަމަށެވެ. އަދި އެރަށުގައި ކުރަން ޖެހޭހާވެސް މަސައްކަތަކީ އެ ޖެޓީ ވަރުގަދަކުރުންކަމަށެވެ. އަދި ރަށް ވަށައިގެން ވެލި ނޭނބުރޭނެ ފަދައިން ބަނދަރެއް އެޅިފައިވަނީ ކޮންމެވެސް ފަރާތެއްގެ ”ތަނަވަސް“ ހިޔާލުތަކެއްގެ ސަބަބުން ކަމަށާއި، އެހެންކަމުން ހަގީގަތުގައި ރަށް ގިރަން ދިމާވެފައިވާ ސަބަބަކީ އެ މަސައްކަތްތަކަށް ބާރުއެޅުއްވި ބޭފުޅެއްގެ ވިސްނުންތެރިކަމެއް ނެތުމުންކަމަށް ވިދާޅުވިއެވެ. އެ ދުވަހު ރައީސް ނަޝީދު ހާމަކުރެއްވީ ރާއްޖޭގެ ތަރައްގީގެ މިސްރާބުގެ ހަގީގަތެވެ. ވިސްނުންތެރިކަމެއް ނެތި ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހިންގަމުންދާކަމުގެ ކަންބޮޑުވުމާއިއެކު ދެއްވީ ކުރިމަތިގުގައި ފެނިގެންދާނެ ދަތިތަކުގެ އިންޒާރެކެވެ.
އެހެންކަމުން ކުރިމަގަށް ވިސްނައި ދިވެހިރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކަކީ އެކަންކަމުގެ ސަބަބުން އަންނަނިވި ޖީލުތަކަށް ބޮޑެތި ބަދުނަސީބުތަކަކާއި ކުރިމަތިލާން ނުޖެހޭނެ ގޮތެއްގެ މަތިން ވިސްނުންތެރިކަމާއިއެކު ލަސްތަކެއް ވީނަމަވެސް ހުރިހާ މަރުހަލާއެއް ކަށަވަރުކުރުމަށްފަހު ކުރިއަށް ގެންދާ މަސައްކަތްތަކަށް ވާންޖެހޭކަން ޔަގީނެވެ. ވަގުތީގޮތުން ރައްޔިތުން ރުހުން ހޯދުމަށްޓަކައި ދާއިމީ ގެއްލުންތަކެއް ލިބިގެންދާ ފަދަ އަމަލުތަކެއް ހިންގުމަކީ އެއްވެސް ހާލަތެއްގައި ކުރަންވާނެ ކަމެއް ނޫނެވެ.

