ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމަށް ފެށި މަސައްކަތްތައް ސްޓެލްކޯއިން ނިންމާލައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާގޮތުން 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމަށް ކުރި މަސައްކަތް ނިންމާލެވިފައި ވަނީ ކާމިޔާބުކަމާއިއެކުއެވެ. އެގޮތުން މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނުމާއެކު މާލޭގެ 2 ސަރަހައްދަކުން އެއްގަޑިއިރަށްވުރެވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށްފަހު މިހާރު މަސައްކަތްތައް އެއްކޮށް ފުރިހަމަކުރެވިފައިވާކަމަށެވެ.
މިއީ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކެއްކަމަށްވާއިރު ކަސްޓަމަރުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބިގެންދާ އެއްބާރުލުމަށް ޝުކުރުވެރިވާކަމަށް ބުނެފައިވެއެވެ.
ސްޓެލްކޯގެ ޓްރާންސްމިޝަންއާއި ޑިސްޓްރިބިއުޝަން މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު މައުލޫމާތު ދެއްވާފައިވާގޮތުން މި ސަބްސްޓޭޝަންގައި އިތުރަށް ކުރަން ހުރި މަސައްކަތްތަކަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރެވިފައިވާ 11 ކޭ.ވީ ނެޓްވޯކުގެ ކޭބަލްތައް ސަބްސްޓޭޝަނަށް ބަދަލުކުރުންކަމަށާއި އެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކަގައި ކުރުމަށްޓަކައި ތާވަލުކުރެވިފައިވާކަމަށެވެ. އަދި އެކަމަށްޓަކައި ތައްޔާރީ މަރުހަލާ ނިމުމުން މައުލޫމާތުތައް ހާމަކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީވެސް ވަނީ މި މަސައްކަތްތައް ނިންމާލެވުމާއިއެކު ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ސޯޝަލްމީޑިއާގައި މެސެޖެއް އާންމުކުރައްވާފައެވެ. ފަހުމީ ވިދާޅުވީ، ކަރަންޓު ކެނޑުމުގެ މަދު ވަގުތުތަކަށްފަހު ސަބްސްޓޭޝަންގެ މަސައްކަތްތައް ފުރިހަމަކުރެވިފައިވާޚަމަށާއި އިންޖިނިއަރުންނާއި އެހެނިހެން މުއައްޒަފުންނަށް އެކަމުގެ ތައުރީފްް ރައްދުކުރައްވާކަމަށެވެ.
ފަހުމީ ވިދާޅުވީ، މި މަސައްކަތްތަކަށް އެއްބާރުލުން ދެއްވައި ރައްޔިތުން ގެންގުޅުއްވި ކެތްތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށާއި މިކަން ހަގީގަތަކަށް ހައްދަވައިދިނުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި އެއްބާރުލުމަށާއި އެމަނިކުފާނުގެ ލީޑަރޝިޕަށްވެސް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

