އާސަންދައިގެ ހިދުމަތް ކަނޑާލާފައިވާކަމަށް ބުނެ އެމްޑީޕީން ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި ގެނެވިފައިވަނީ އެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން ސަންގުޓީވީން ގެނެސްދޭ ކަވަރެޖްގައި ބައިވެރިވެވަޑައިގެން މެމްބަރު އައިފާން ވިދާޅުވީ، އެމްޑީޕީން މަގުތަކަށް ނުކުނަންނެޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އައިފާން ވިދާޅުވީ، ކަންކަން ހުރީ އެމްޑީޕީން ސިފަކުރަމުންދާ ގޮތަށް ނޫންކަމަށެވެ. އަދި ބައެއް މައުޟޫއުތަކުގެ މައްޗަށް މީގެކުރިން ތަފްސީލީ ގޮތެއްގެ މަތިން އަލިއަޅުއްވާފައިވަނީ އެކަންކަމުގެ ހަގީގަތްތައް ރައްޔިތުންނަށް ފުރިހަމައަށް ސާފުވެފައިވާކަމަށް ގަބޫލުނުކުރެއްވޭތީކަމަށެވެ.
އައިފާން ވިދާޅުވީ، އާސަންދައާއި އެންސްޕާވެސް ކަނޑާލާފައިނުވާކަމަށާއި އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އެ ހިދުމަތްތައް ލިބެމުން އަންނަކަމަށެވެ. އަދި އެޑްމިޓްކޮށްގެން ދޭ ފަރުވާނަމަ އާސަންދައާއި އެންސްޕާއިންވެސް ހިދުމަތް ދޭނެކަމަށާއި ނަމަވެސް އެޑްމިޓް ނުކޮށް ޑޮކްޓަރަށް ދައްކާލަން އެދޭނަމަ އިންޝުއަރެންސް އޮންނަ ފަރާތެއްގެ އިންޝުއަރެންސް ސްކީމް މެދުވެރިކޮށް ސިއްހީ ކަންކަން ފުރިހަމަކުރާ ގޮތަށް ބަދަލުތައް ގެނެވިފައިވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ހިދުމަތް ދިނުމުގައިވެސް އެއްވެސް ހާލަތެއްގައި މަޑުޖެހުމެއް އައިސްފައިނުވާކަމަށާއި ސަރުކާރުންވަނީ އެ ހިދުމަތް އިތުރަށް ފުޅާކޮށް ތައިލެންޑާއި ޑުބާއީ އިން ހިދުމަތް ލިބިގެންދާނެ އިންތިޒާމު ހަމަޖައްސާފައިކަމަށެވެ. އަދި އެކަންކަމުގެ އިތުރަށްވެސް ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މެމްބަރު އިޝާރާތްކުރެއްވިއެވެ. އެކަމުގެ ތެރޭގައި އިތުރު ކެންސާރ ހޮސްޕިޓަލަކާއި ތެލެސީމިއާ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނޭކަމަށާއި ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްވެސް ބޭނުންވާ މަސައްކަތްތައް ކުރަމުންދާކަން މެމްބަރު ހިއްސާކުރެއްވިއެވެ.

