ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދާ މަންޒަރު ފެނުމުން އެމްޑީޕީން ޖެހިލުންވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން ސަންގުޓީވީން ގެނެސްދޭ ކަވަރެޖްގައި ބައިވެރިވެވަޑައިގެން މެމްބަރު ރިފާއު ވިދާޅުވީ، އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައީ ރާއްޖޭގެ ތަސައްވަރު އެއްކޮށް ބަދަލުކޮށްލާނެކަމަށް ބުނެކަމަށެވެ. ނަމަވެސް ފުރަތަމަ ތިން އަހަރުގެ ތެރޭގައި ވެރިކަން ނުކުރެވުމުން އެ ޒިންމާއިން ދޫކޮށްލިކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ހާލަތު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެކަމަށާއި އެމްޑީޕީއަކީ ފެށުނީއްސުރެވެސް ނެތިފައި އޮތް ބައެއްކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެ ޕާޓީއަކީ ރާއްޖެއަށް ޑިމޮކްރެސީއާއި މިނިވަންކަން އަދި ހިޔާލުފާޅުކުރުމުގެ ޖާގަ ހޯދައިދޭނެކަމަށް ބުނެ ވަރަށް ރީތިކޮށް ވާހަކަތަކެއް ދައްކާ ޕާޓީއެއްކަމަށެވެ. ނަމަވެސް ވެރިކަން ލިބި އެއްވެސް ކުރިއެރުމެއް ނުގެނެވުމުން ރައްޔިތުން މުޒާހަރާތަކަށް ނުކުތުމާއިއެކު އެ ޕާޓީން ކަންކަން ކުރި ގޮތް ޓީވީތަކުގެ އާކައިވްއިން ފެންނަން ހުންނާނެކަމަށެވެ.
ރިފާއު ވިދާޅުވީ، ރާއްޖޭގައި ތަކެތީގެ އަގުބޮޑުވެގެން ޒުވާނުން މުޒާހަރާއަށް ނުކުތްކަމަށާއި ޕީއެންސީން އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ވާހަކައެއް ދައްކަން ފެށީވެސް ދެ އަހަރު ދުވަސް ހޭދަކުރުމަށްފަހުކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަން ނިމިގެން މި ސަރުކާރު ވެރިކަމަށް އައިއިރު ވާރުތަވެފައިވާ 8 ބިލިއަން ރުފިޔާގެ ޑެފެސިޓެއް އޮތްކަމަށާއި އެއީ އާންމު ރައްޔިތުންގެ ތެރެއިން ސަރުކާރުން ހޯދާފައިވާ ހިދުމަތްތަކަށް ނުދައްކާ ހުރި ފައިސާކަމަށެވެ.
އެއީ ކޮވިޑްއާއި ގުޅިގެން އުފެދުނު ޑެފިސިޓްކަމަށް އެމްޑީޕީން ބުނިނަމަވެސް ކޮވިޑް ދުވަސްވަރު އެތައް ފައިސާއެއް ލިބުނު ވާހަކަތައްވެސް އެމްޑީޕީން ދައްކާ ކަމަށް އިޝާރާތްކުރެއްވިއެވެ. އެގޮތުން ކޮވިޑްގެ ހާލަތު އެމްޑީޕީއަށްވުރެ ރަނގަޅަށް މެނޭޖުކުރެވުނު ބައެއް ނެތްކަމަށް ސިފަކޮށްވެސް ވާހަކަތައް ދައްކާފައިވާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ކޮވިޑް މެނޭޖުކުރި ގޮތް ފުރިހަމަކަމުން އެހެން ގައުމުތަކުން އެ މައުލޫމާތު ހޯދުމަށް އެދޭކަމަށްބުނެވެސް ވާހަކަތައް ދެއްކިކަމަށާއި ހަގީގަތަށް ބަލާއިރު މިއަދުގެ ސަރުކާރުން ކަންކަން ރަނގަޅަށް ކުރަމުން އައުމާއިއެކު އެމްޑީޕީން ޖެހިލުންވާކަން ފެނިގެންދާކަމަށެވެ.
ރިފާއު ވިދާޅުވީ، އެމްޑީޕީން ފޭބީ މުޅި މާލިއްޔާތު ހުސްކޮށްލައި ދަރަންޏަށްވެސް އެއްވެސް ދިމާލަކުން ފައިސާ ނުލިބޭނެ ހާލަތަށް ގައުމު ގެންގޮސްފައިކަމަށެވެ. އަދި އެ ދައުރު ނިމުނުއިރު ގައުމުގައި ރަނގަޅަށްހުރި އެސްއޯއީތައްވެސް ހުރީ އެއްކޮށް ބަނގުރޫޓުކޮށްލާފައިކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެމްއޭސީއެލްއާއި އެމްޕީއެލް ފަދަ ވަރުގަދަ ކުންފުނިތަކުގެ ރިޒާވުގައިވެސް އެ ދައުރު ނިމުނުއިރު ފައިސާއެއް ނެތްކަމަށެވެ. ނަމަވެސް އެ ޕާޓީއާއި ސަރުކާރު ހަވާލުވިއިރު ކަންކަން އޮތީ އެގޮތަށް ނޫންކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީން ހީކުރީ ދަރަނިތަކާއި ދަތިތަކުގެ ސަބަބުން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ސަރުކާރު ނުހިންގޭނެ ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ވަރަށް އޮމާންކޮށް ކަންކަން ހަމަމަަގަށް އަޅުވައި 2024 ވަނަ އަހަރަށް އެމްޑީޕީން އެކުލަވާލި ބަޖެޓާއިއެކުވެސް އެ އަހަރު ކާމިޔާބުކަމާއިއެކު ނިންމާލައި ޕީއެންސީން 2025 ވަނަ އަހަރަށް އެކުލަވާލި ބަޖެޓާއިއެކު ކަންކަން ފަށާ މަންޒަރުކަމަށެވެ.

