ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އަބްދުﷲ ފާއިދް އާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކޮށްފިއެވެ. މި ދެ މުވައްޒަފުން ވަކިކުރީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅިގެން ހިނގަމުންދާ ތަހުގީގަކާ ގުޅިގެންނެވެ.
ފާއިދް އާއި ޔާމީން ސަސްޕެންޑްކުރީ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ފެށި ތަހުގީގެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް އުސޫލުން ބޭރުން ހުޅުމާލެއިން ގޯއްޗެއް ލިބިފައިވާކަމަށް ތުހުމަތު ކުރެވެއެވެ.
އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ސަސްޕެންޑު ކުރި 15 މުވައްޒަފުންގެ ތެރެއިން މައްސަލައެއް ފާހަގަނުވާ މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. ނަމަވެސް، ފާއިދް އާއި ޔާމީންގެ މައްސަލައިގައި އިތުރު ފިޔަވަޅު އަޅަން ޖެހުނީ ކީއްވެގެންކަން އަދި ސާފުވެފައެއް ނުވެއެވެ.
ފަޒުލް ރަޝީދު ވަނީ ބިންވެރިޔާ ސްކީމްގެ މައްސަލައިގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ މަޤާމަށް އައްޔަނުކުރި ފަހުން ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދެވީ ކުންފުނީގެ ޕޮލިސީތަކާއި ބޯޑުން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށެވެ. އަދި ތަޙްޤީޤަށް ފުރުސަތު ދިނުމަށާއި، ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް މަޤާމުން އިސްތިއުފާ ދޭން ނިންމިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

