ކާނާއިން ހަށިގަނޑަށް ކާނާ ލިބޭ ފަދައިން، މުޖުތަމަޢުއަށްވެސް އޭގެ ފައިދާ ލިބޭކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ދިރިއުޅުމުގެ އަސާސްކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން އޮންނަ ތަނެއްގައި، ތަޢުލީމު ފޯދައި، ޞިއްޙަތު ވަރުގަދަވެ، އިޤްތިޞާދު ކުރިއަރާކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސް. އެއީ ހަމައެކަނި ބަނޑުފުރާލުމަށް ބޭނުންވާ އެއްޗެއް ނޫން.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށް މަގުފަހިކޮށްދޭކަމެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެއީ ޞިއްޙަތު ރަނގަޅުކޮށް، މަސައްކަތްތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅުކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ އިޤްތިޞާދު ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ ބިންގަލެއްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ ހިނދު، އެކަމުގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ވަކި ފަރުދަކަށް ނޫންކަމަށާއި، އޭގެ އަސަރު މުޅި މުޖުތަމަޢުއަށް ކުރާކަމަށެވެ.
އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ އެންމެންގެވެސް ޒިންމާއަކަށް ހަދަންޖެހޭކަމަށާއި ވަކިވަކި ފަރުދުންނާއި، ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ދަނޑުވެރިކަމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ.
އެގޮތުން އެއް ރަށުގެ ތަޖުރިބާ އަނެއް ރަށާއި ހިއްސާކުރުމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށް ރަށާ ހިއްސާ ކުރެވިގެންދިއުމަކީ ވަރަށް އުފާވެރިކަމެއްކަމަށެވެ. މިގޮތަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
ޑްރަގަން ފުރުޓް އަދި ކިއުކަމްބާ ފަދަ ތަފާތު ބާވަތްތަކުގެ ދަނޑުވެރިކަން ކުރިއަރުވައި، އޭގެ މަޢުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީވެގެންދާނެ ރަނގަޅު ފިޔަވަޅެއް. އަދި މިފަދަ ދަތުރުތަކުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން އިތުރު ރަށްރަށުގައިވެސް ދަނޑުވެރިކަން ކުރިއަރައިގެންދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫން.
މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށުގެ ކައުންސިލްތަކުން މިފަދަ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެއްވުމަށް ނަންގަވާފައިވާ މި ފިޔަވަޅަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ.
ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

