ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދ. ކުޑަހުވަދޫއަށް ވަޑައިގެން ރައީސް ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފެއެވެ. އޭގެ ތެރޭގައި ބޯހިޔާވަހިިކަމުގެ މައްސަލަ ހައްލު ކުރުމާއި، ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.
ކުޑަހުވަދޫ ބީއެމްއެލް ބްރާންޗުގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ބިންގާ މި ދަތުރުފުޅުގައި އަޅުއްވައިދެއްވާފައި ވެއެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރަށުގެ ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވެއެވެ.
ރަށުގެ ރައްޔިތުން ބޭނުންވާ އެކި ކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ އަމާޒަކީ އޭޓީއެމްގެ ހިދުމަތް ނުފެށި ހުރި ރަށްތަކުގައި އެ ހިދުމަތް އަހަރެއްގެ ތެރޭގައި ދޭން ފެށުމެވެ.

