ގްރޭޓަރ މާލެ ސަރަހައްދުގައި ކޮންމެ ފަސް އަހަރަކުން 50 މެގަވޯޓުގެ ކަރަންޓު އިތުރުކުރުމަށް ޕްރޮޖެކްޓެއް ހިންގަންޖެހޭއިރު، ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވި ގޮތުގައި، ގްރޭޓަރ މާލެ ސަރަހައްދުގައި ކޮންމެ ފަސް އަހަރަކުން ކަރަންޓަށް ބޭނުންވާ މިންވަރު 50 މެގަވޯޓުން އިތުރުވެގެންދެއެވެ. އަދި މި ދައުރުގައިވެސް މިހާތަނަށް އެފަދަ ޕްރޮޖެކްޓެއް ފެށިފައި ނުވާކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
މި ދައުރުގައި އަދި މިފަދަ ޕްރޮޖެކްޓެއް ނުފެށުމުގެ ސަބަބު ބަޔާންކުރައްވަމުން ފަހުމީ ވިދާޅުވީ، ”ތިލަމާލެ ބްރިޖުގެ ބޭނުން ހިފައިގެން ތިލަފުށި ނުވަތަ ގުޅީފަޅުގައި ޕަވަރ ޕްލާންޓެއް ގާއިމުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުން އައީ“ ކަމަށެވެ. މާލެއަކީ ތޮއްޖެހި ބާރުވެފައިވާ ރަށަކަށްވުމާއެކު، މި މަސައްކަތްތަކަށް އެންމެ އެކަށީގެންވާ ތަނަކަށް ނުވާކަމަށާއި، ހުޅުމާލޭގައި މި މަސައްކަތް ކުރުމަށްޓަކައި ސްޓެލްކޯއަށް ބިމެއް ލިބިފައިނުވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ވަސީލަތްތައް އިތުރުކޮށް ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފަހުމީ ވިދާޅުވިއެވެ. މިގޮތުން ނިމިދިޔަ އަހަރު 12 މެގަވޯޓުގެ ޕްލާންޓެއް ގާއިމުކުރެވުނު އިރު، މި އަހަރު 17 މެގަވޯޓުގެ ޕްލާންޓެއް ގާއިމުކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް އަހަރު އިތުރު 23 މެގަވޯޓަށް ބޭނުންޖެހޭނެކަމަށް އަންދާޒާކުރެވޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރުން، ރޯދަމަހުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެންދަނީ އާދަޔާ ޚިލާފު ގޮތަކަށްކަން ތަޖުރިބާތަކުން ދައްކާކަމަށްވެސް ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ.

