ސްޕްރީމް ކޯޓުގައި މަރުތަޅު އެޅިފައިވާކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ބޭރުކުރުމަށް 46 މެންބަރުން ވޯޓު ދެއްވާފައިވާއިރު، މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި މައްސަލައިގައި، ”އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި މަރުތަޅު އަޅުވާފައިވާ“ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.
މައްސަލައިގައި ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭގޮތަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުބެލޭނެކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރަމުންދާކަމަށެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޝަމްހީދު ވިދާޅުވީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމަށް ޤާބިލު ނޫންކަމަށް ކަނޑައެޅުމަށް މަގުފަހިވާގޮތަށް މަޖިލީހުން ޤާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. އަދި މިކަމަކީ ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ހުރަސްއެޅުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ.

