ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗާޕު ކުރި 8 ބިލިއަން ރުފިޔާއާއި އެކު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް 7 ބިލިއަން ރުފިޔާ އިގްތިސާދުގެ ތެރެއަށް ދޫކޮށްލިކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ވައުދާއި ހިލާފުވެ ފައިސާ ޗާޕު ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އަޑުފެތުރިފައި ވަނިކޮށް، އެފަދަ އިޝާރާތެއް ލިބޭ ގޮތަށް ބައެއް މެމްބަރުން ވާހަކަ ދެއްކިކަން ފާހަގަކުރެވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅާނީ ޒިންމާދާރުކަމާއި އެކުކަމަށް ވިދާޅުވެފަ އެވެ.
މިކަމުގެ ހަގީގަތަކީ ކޮބައިތޯއާއި، މި ސަރުކާރުން ފައިސާ ޗާޕު ކުރުމަށްޓަކައި އެއްވެސް ވިސްނުމެއް ގެންގުޅޭތޯ ސުވާލު ކުރުމުން ”ސަންގު ޓީވީ“ ގެ ޚަބަށްރަފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ އެއީ ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު މެދު ނުތަނަވަސްކަން އުފެއްދުމުގެ ގޮތުން އިދިކޮޅުން ފަތުރަމުން ދާ ވާހަކައެއް ކަމަށެވެ.
މަމްދޫހު ވިދާޅުވީ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އިގްތިސާދީ އަޑިގުޑަންތަކުން އަރައިގަންނާނީ ފައިސާ ޗާޕުނުކޮށް ދަރަނިތައް ނުނަގައިކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެހެންކަމުން އެ ވައުދާއި ރައީސް މުއިއްޒު ހިލާފުވާނެ ގޮތެއް ނެތްކަމަށް މަމްދޫހު ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭކަމަށް ފެތުރޭ ވާހަކަތަކާއި ގުޅޭގޮތުން މަމްދޫހު ވިދާޅުވީ ކޮވިޑު-19 ގެ ނަން ބޭނުންކޮށްގެން ބޮޑެތި އިންޓްރެސްޓު ރޭޓުތަކުގައި ލޯނު ނަގަމުން ދިޔައީ އެމްޑީޕީކަމަށެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓިއެއް އޭރު ރައްޔިތުންގެ މަޖިލީހުގައި އޮތުމުގެ ސަބަބުން ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ޕެރަލައިޒް ކުރުމަށް ފަހު އެއްވެސް ހަމައެއް އުސޫލެއް ނެތި ފައިސާ ޗާޕު ކުރިކަމަށެވެ.
މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެއްވެސް ވިސްނުމެއް ނެތި، އެޅި އެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ލިބުނު ކަމަށެވެ.
އިރާދަކުރެއްވިއްޔާ ސަރުކާރުގެ ހިންގުން ބައްޓަން ކުރެވިގެން ދާނީ، ފައިސާ ޗާޕުނުކޮށް.. މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ… ދެން ފައިސާ ޗާޕު ކުރުމުގެ ވާހަކަ ދައްކާއިރު، ޖެހިލަން ޖެހެނީ އެމްޑީޕީގެ ވެރިކަމަށް.. އެމްޑީޕީގެ ވެރިކަމުގައި ކޮވިޑު މަތިކޮށް ބޮޑެތި އިންޓްރޭސްޓު ރޭޓުގައި ލޯނު ނަގަމުން ދިޔަ.. އަދި ސުޕަ މެޖޯރިޓީ ބޭނުންކޮށް ހަރަދަށް ޒިންމާވުމުގެ ގާނޫނު ޕެރަލައިޒްކޮށްގެން ފައިސާ ޗާޕު ކުރަމުން ދިޔައީ..
މަމްދޫހު ވިދާޅުވީ އެއްފަހަރު ޗާޕު ކުރާ ފައިސާދެ އަދަދު މަދުވުމުން، މަޖިލީހުގެ ބާރު ބޭނުންކޮށްގެން ޗާޕު ކުރާ ފައިސާގެ އަދަދު އިތުރު ވެސް ކުރިކަމަށެވެ. އެގޮތުން 8 ބިލިއަން ރުފިޔާ ޗާޕުކޮށް، އެމްއެމްއޭ މެދުވެރިކޮށް ނެރުނު 7 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 15 ބިލިއަން ރުފިޔާ އިގްތިސާދުގެ ތެރެއަށް ދޫކޮށްލިކަމަށް މަމްދޫހު ވިދާޅުވި އެވެ.
މީގެއިތުރުން މަމްދޫހު ވިދާޅުވީ ފައިސާ ޗާޕުކޮށްގެން އެމްޑީޕީ ކުރިހާވެސް ކަމަކީ ފައިސާ ޗާޕުކޮށްގެން ޕާޓީއާއި ގުޅުން ހުރި މީހުންނަށް ނަހަމަ ގޮތުގައި ދައުލަތުގެ ތެރެއިން ބޭރު ކުރަމުން ދިޔަ މަންޒަރު ރައްޔިތުންނަށް ފެނިފައިވާނެކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅިކަން ފާހަގަކޮށް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ވަކި ޕާޓީއަކަށް ނުބަލާނެކަމަށެވެ.

