މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީއަކު މަރާލި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފިއެވެ.
މި މައްސަލައިގަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
އަންގާރަ ދުވަހުގެ މި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން އެދިފައި އޮތީ ހެކިން ހިމާޔަތް ކުރެވޭ ގޮތަށް ބައެއް ސިއްރު ހެކިންގެ ހެކިބަސް ސިއްރުން ނެގުމަށެވެ.
އޭގެ ފަހުން އެ ނިންމުން މުރަޖައާ ކުރުމަށްފަހު، ބައެއް ހެކިވެރިން ސިއްރުނުކޮށް ހެކިބަސް ނެގުމަށް އިއުތިރާޒު ނުކުރާކަން ބަޔާންކޮށްފައިވާތީ އެ ހެކިންގެ ހެކިބަސް އާންމު އުސޫލުން ނެގުމަށް ދައުލަތުން ވަނީ އެދިފައެވެ. އެއީ ސިއްރުހެކި 4،5، އަދި 6 އެވެ.
އެހެންނަމަވެސް ދައުލަތުގެ ސިއްރު ހެކިންގެ ތެރެއިން 3 ހެއްކަކާ ވާހަކަ ދެއްކިފައިނުވާތީ ދައުލަތުން ވަނީ އެ ހެކިވެރިންގެ ހެކިބަސް ސިއްރުން ނެގުމަށް އެދިފައެވެ. އެއީ ސިއްރުހެކި 1،2 އަދި 3 އެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމުގައިވެސް އެކަމާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިންނާ އަދިވެސް ގުޅިފައިނުވާ ކަމަށެވެ.
ގާޒީ ނިންމެވީ މިހާރު ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިންމާލުމަށެވެ. އަދި ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއާ ހިސާބަށްދާއިރުވެސް އެ ހެކިވެރިންނާ ގުޅޭނެ ގޮތެއް ވެފައިނުވާނަމަ އެހާތަނަށް ދެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު ޝަރީއަތުން އެކަމާ ގޮތެއް ނިންމަވާނެކަމަށް ގާޒީ ދެންނެވިއެވެ. އަދި އެހާތަނަށް އެ ހެކިވެރިން އިއުތިރާޒު ނުކުރާނަމަ އާންމު އުސޫލުން ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަމަށް ދައުލަތާއި ދިފާއުންވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ. ދެން އޮންނާނީ މި މައްސަލައިގެ އިފްތިތާޙީ ބަޔާން އިއްވައި، ހެކިބަސް ނަގަން ފެށުމެވެ.

