އުޒުބެކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ސަރުޑޯރ ރުސްތަމްބައެވް، ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލަށް އިހްތިރާމުގެ ޒިޔާރަތެއްކުރައްވައި، ބައްދަލުވުމެއް ބާއްވައިފައެވެ.
މި ބައްދަލުވުމުގައި، ވަޒީރު ހަލީލުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅުއެރުވުމާއި އުޒްބެކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުނު އެންމެ ފުރަތަމަ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަމުގެ ލަގަބު ލިބުނުކަމަށްޓަކައި ވަނީ ސަފީރު ސަރުޑޯރ ރުސްތަމްބައެވްއަށް މަރުހަބާ ދަންނަވާފައެވެ.
މީގެއިތުރުން، ދެބޭފުޅުންވަނީ ދެގައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައިލެޓަރަލް އެންގޭޖްމަންޓްތަކުގެ މުޅި ރޭންޖު އަލުން މުރާޖާކުރުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައިފައެވެ. އެގޮތުން، ވައިގެ ގުޅުން މަގުފަހިކޮށް، ޕީޕަލް-ޓު-ޕީޕަލް ކަނެޝަންގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމެންޓް އިތުރުކުރުމަށް ދެގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތައް ފައިނަލްކުރުމަށް ޝައުގުވެރިވާކަން ދެބޭފުޅުންވަނީ ފާޅުކޮށްފައެވެ.
މީގެއިތުރުން، މިނިސްޓަރު ހަލީލާއި ސަފީރު ރުސްތަމްބައެވް ވަނީ ބައިލެޓަރެލް ގޮތުންނާއި މަލްޓިލޭޓަރަލް ފޯރަމްތަކުގައިވެސް ވަރުގަދަ އަދި ދެގައުމަށްވެސް ފައިދާކުރަނިވި ޕާޓްނާޝިޕްތަކެއް ހެދުމަށް ޔަގީންކަންދެއްވައިފައެވެ.
މި ބައްދަލުވުމުގައި، ވަޒީރު ހަލީލުގެ އަރިހުގައި އެ ވުޒާރާގެ ސެކެޓަރީ ފާތިމަތު އިނާޔާއާއި، ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުލް ސަމަދުގެ އިތުރުން ސެކެޓަރީ ފަރްޒާނާ ޒާހިރު އަދި އެސިސްޓެންޓު ޑިރެކްޓަރު އައިޝަތު ޖުމާނާވަނީ ބައިވެރިވެލައްވައިފައެވެ.

