ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑްގައި ހުންނަ ކަޕެލާ ސިންގަޕޫރުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025 ކާމިޔާބުކަމާއެކު ބާއްވާފައެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި، ވިޔަފާރިތަކުގެ އިސްވެރިންނާއި، ދެ ގައުމުގެ ސަރުކާރު މަންދޫބުން ހިމެނެއެވެ.
ފޯރަމްގެ ރަސްމިއްޔާތު
މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އަދި ޓްރޭޑް ރިލޭޝަންސްގެ މިނިސްޓަރ އިން ޗާޖް މިސް ގްރޭސް ފޫ ހައި ޔިއެން ވެސް ވަޑައިގެންނެވިއެވެ.
އިކޮނޮމިކް ޓްރާންސްފޮމޭޝަން އެންޑް ވިޝަން 2040
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން 2040 ގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ބަދަލުވުމުގެ މަސައްކަތް ކުރިއަށްދާ ގޮތެވެ. އަދި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށާއި، ލޮޖިސްޓިކްސް، ގްރީން އެނަރޖީ، ރިއަލް އެސްޓޭޓް، ޑިޖިޓަލް އިނޮވޭޝަން، ފަތުރުވެރިކަން އަދި ކްރިއޭޓިވް އިންޑަސްޓްރީޒް ފަދަ ދާއިރާތަކުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ އަޒުމެވެ.
މުހިންމު އެއްބަސްވުންތައް
ފޯރަމްގައި ދެ މުހިންމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނަރސްއާ ދެމެދު ވެވުނު ރެސިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއް ތަޢާރަފުކުރުމުގެ ޚިދުމަތުގެ އެއްބަސްވުމެވެ.
ދެވަނަ މުހިންމު އެއްބަސްވުމަކީ ޕްރޮޖެކްޓް ސޯލާ ސިޓީގެ އިންވެސްޓްމަންޓް އެގްރީމަންޓެވެ. މިއީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ އޮނިގަނޑުގެ ދަށުން ޤާއިމުކުރެވޭ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢެކެވެ. މިއީ އެސްއީޒެޑް އެކްޓްގެ ދަށުން އެވޯޑުކުރެވުނު ފުރަތަމަ މަޝްރޫޢުއެވެ.
އެހެނިހެން މުހިންމު ކަންކަން
މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. އަދި ”ފްރޮމް ފައުންޑޭޝަން ޓު ފިއުޗަރ: ޑީޕަނިންގ އިންވެސްޓްމަންޓް ޕާޓްނަރޝިޕްސް އިން މޯލްޑިވްސް“ ގެ ނަމުގައި ހައި-ލެވެލް ޕެނަލް ޑިސްކަޝަނެއް ބޭއްވުނެވެ.
މި ފޯރަމްގައި ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް ވެށި ތަރައްޤީވަމުންދާ ގޮތާއި، އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ގެނެވޭ އިޞްލާޙުތަކާއި، އިންފްރާސްޓްރަކްޗަރ، ފައިނޭންސް އަދި ސަރަޙައްދީ ވިޔަފާރީގެ ދާއިރާތަކުން ލިބެންހުރި ފުރުޞަތުތަކާ ބެހޭގޮތުން މުހިންމު މަޢުލޫމާތު ހިއްސާކުރެވުނެވެ. މި ފޯރަމަކީ ދެ ގައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ހޯދުމަށް މަގުފަހިކޮށްދިން މުހިންމު ފޯރަމެއް ކަމުގައި ފާހަގަކުރެވެއެވެ.

