މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކިރާ މަހަށް ފައިސާ ނުލިބުން ކަމަށާއި އަދި މަސް ނުކިރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެން ސަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މެމްބަރު ވިދާޅުވީ ދިވެހިންގެ ލޭނާރަކީ މަސްވެރިކަމުގެ ދާއިރާ ކަމަށެވެ. އަދި ޒަމާންތަކެއްވީ މި ސިނާއަތު ވެއްޓިފައި އޮތް ހާލަތު އެންމެނަށް ވެސް ވަޒަންކޮށްލެވޭނެކަމަށް ސަމީރު ވިދާޅުވި އެވެ.
މަސް ނުކިރި ދިމާވާ މައްސަލައަކީ އެއް ދުވަހަކުން ދިމާވި ގޯހެއް ނޫންކަން ފާހަގަކޮށް ސަމީރު ވިދާޅުވީ، ސަރުކާރުތަކުން އޮތީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުނުކޮށް ދޫކޮށްލާފައި ކަމަށެވެ. އަދި ވިދާޅުވީ އިންޓަނޭޝަނަލް މާކެޓުގައި ބޮޑުކަންނެލީގެ މަސް ކިލޯއަކަށް 17 ޑޮލަރާއި 21 ޑޮލަރުގައި ކަމަށް ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މަސްވެރިންނަށް މީގެ ތެރެއިން ލިބެނީ ކުޑަ އަދަދެއް ކަމަށެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް އަދި ތެލުން ފެށިގެން ހުރިހާ ސާމާނެއް ވެސް ގަންނަނީ އެ ލިބޭ އާމްދަނީގެ ތެރެއިންކަމަށް ސަމީރު ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން ފުންކޮށް ވިސްނާލުމަށް ގޮވާލައި މެމްބަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މަސްވެރިންނަށް ފުރިހަމަ އަގު ދިން ސަރުކާރަކީ އެމްޑީޕީކަމަށެވެ. އަދި އޭރު ގިނަ އަދަދަކަށް މަސް ދޯނިތަކުން މަސް ކިރުވަމުން ދިޔައިރު، ފައިސާ ދޫކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުމަށް އުތުރާއި ދެކުނުގައި ވެސް ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އަދި މިސާލެއްގެ ގޮތުން އެންމެ ދެކުނު އައްޑޫގެ މަސްވެރިކަމަށް އައި ބަދަލުތައް އޭނާ ފާހަގަކުރިއެވެ.
މެމްބަރު ސުވާލު އުފެއްދީ މި ސަރުކާރަށް ދޮޅު އަހަރުވެގެން އައި އިރު ވެސް މިހާތަނަށް މަސްވެރިންނަށް ގެނެސްދެވުނު ހެޔޮ ބަދަލުތަކާއި މެދުއެވެ. އަދި ވިދާޅުވީ މަސްވެރިންގެ ހުރިހާ ތަކުލީފެއްގެ ޒިންމާ ނަގަން ޖެހޭނީ މި ސަރުކާރުންކަމަށެވެ.

