ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި އިސް އޮފިސަރުންގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.
ޕޮލިސް ބޯޑުން ދިން ލަފައަކަށް ބިނާކޮށް 2021 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އެ އޮފިސަރުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އޭގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގައެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭގެ ތެރެއިން އަބްދުﷲ ޝަރީފް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓުވެސް ކުރިއެވެ.
އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތެއް ކުރިން ދިން ނަމަވެސް ހައި ކޯޓުގައި ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކޯޓުން ބޭރުގައި ހައްލަކަށް އާދެވިފައި ނުވާތީ އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ނަމަވެސް އެ އޮފިސަރުންގެ ވަކީލުން ބުނީ ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، ދައުލަތުން އަމަލުކުރި ގޮތަށް ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މައްސަލާގައި، ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ބައެއް ކަމަށް ބުނެ ވަޒީފާ އިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވެސް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެހެންވެ، ދައުލަތުން ބޭނުންވާ ގޮތް ސާފުނުވާ ކަމަށާއި އަދި މިއީ ކުޅޭ ކުޅިވަރަކަށް ވެފައިވާ ވަކީލުން ބުންޏެވެ.
ވަކީލުން ބުނިގޮތުގައި އެ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތެއް ނެތް ނަމަ ޝަރީއަތް ހިންގުމެއް ނެތި މައްސަލަ ބޭރުކޮށްލަން ނިންމިދާނެ ކަމަށް މަދަނީ އިޖްރައާތުގައި ބުނެފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅި ފަހުން ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާތީ، އެކަމާ މެދު ގޮތެއް ކޯޓުން ނިންމަން ވަކީލުން އެދުނެވެ.
ދައުލަތުން ބުނީ ޝަރީއަތް ހިންގުމެއް ނެތި މައްސަލަ ބޭރުކޮށްލެވޭނީ ދަށު ކޯޓުގެ މަރުހަލާގައި ކަމަށެވެ. ޕްރޮމޯޝަން ދިނުމަކީ ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.
ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލުމަށް ނިންމާފައެވެ. ސަބަބަކީ މި މައްސަލައިގެ އިސްތިއުނާފް ހުށަހަޅައި ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ހޯދުމަށް ފަހު، ވަކިކުރަން ނިންމި ބައެއް އޮފިސަރުން ވަޒީފާގައި ބައިތިއްބައި ދައުލަތުން ޕްރޮމޯޝަން ވެސް ދީފައިވާތީއެވެ.
ފަނޑިޔާރުން ވިދާޅުވީ، ދައުލަތުގެ ސްޓޭންޑަކީ ސިވިލް ކޯޓުގެ ހުކުމް ގޯސްވުން ކަމަށްވީ ނަމަވެސް ދައުލަތުން އަމަލުކޮށްފައިވަނީ އެ ސްޓޭންޑްގެ މަތީގައި ނޫން ކަމަށެވެ. އަދި މިއީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ އަމަލެއްކަންވެސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރުން ކަމަށްވާ އަބްދުއްމާނިއު ހުސައިނާއި ހަސަން ޝަފީއުގެ އަގުލަބިއްޔަތުން ނިންމެވީ މައްސަލަ ބާތިލު ކުރުމަށެވެ. މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އެވެ.
އެހެންނަމަވެސް، ޝަރީއަތުގެ ނިޒާމު ދައުލަތުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ފަނޑިޔާރު ޝަނީޒުވެސް ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް އޭނާގެ ރައުޔުގައިވަނީ އެއީ މުޅި މައްސަލަ ބާތިލްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

