’މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް‘ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް، ބ ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓަރކާޑް ގުޅިގެން އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގުރާމަކީ، ދިވެހި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގުރާމް އިތުރަށް ހަލުވިކުރުމަށް އެޅުނު ފިޔަވަޅެކެވެ. އެގޮތުން، 5 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ރާވައިފައިވާ މި ޕްރޮގުރާމުގެ މަގްސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް، ފަހި ރާއްޖެއަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ޕްރޮގުރާމުގެ ދަށުން، ޒަމާނީ އިންފްރާސްޓްރަކްޗަރެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި، ރައްކާތެރި އަދި ފުރިހަމަ ޑިޖިތަލް ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދޭނެއެވެ.
މި ޕްރޮގުރާމު ފެށުމަށްޓަކައި، ބީއެމްއެލްއާއި މިނިސްޓްރީ އޮފް ހޯމްލޭންޑު އެންޑު ސެކިއުރިޓީއާއި މާސްޓަރކާޑްއިން އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މި އެއްބަސްވުމުގެ ދަށުން، ދިވެހި ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ދެވޭ އެހީތެރިކަމުގެ ތެރޭގައި،
- އިތުރު ޚިދުމަތްތަކާއެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން
- އޭއައި ބޭނުންކޮށްގެން ސައިބަރސެކިއުރިޓީ ވަރުގަދަކުރުން
- ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ޚިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
- ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން
- ފަތުރުވެރިކަމުގެ ސިނާޢަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން
މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ފާހަގަކުރެއްވިގޮތުގައި، “ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓަރކާޑާއި އެންސީއައިޓީއާއެކުމިކުރާ މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ. މާސްޓަރކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ.“ ކަމަށެވެ
މި ޕްރޮގުރާމަކީ، ރާއްޖެ ޑިޖިޓަލް ގައުމަކަށް ބަދަލުވުމަށްޓަކައި ކުރާ މަސައްކަތުގެ ދުވެލި އަވަސްކޮށް، އިތުބާރު ހުރި އަދި ފެންވަރުގެ ޑިޖިޓަލް ނިޒާމެއް ރާއްޖޭގައި އެކުލަވާލުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެކެވެ.

