ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ދެނީ!

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ދިޔަ ދުވަސްވަރު؛ ރައީސް މުއިއްޒު ބްރިޖުގެ މަސައްކަތް ބައްލަވާލަނީ: ފޮޓޯ/ ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ. ރައީސްގެ ޚިޠާބު ފައްޓަވާފައި ވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެ.

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް 7 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް، އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސް މުއިއްޒުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާޞިލުވުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ޢިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް މި ޤައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމުގައި ރައީސް މުއިއްޒުގެ ޚިޠާބުގައި ވިދާޅުވިއެވެ.

އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް މުއިއްޒުގެ ޚިޠާބުގައި ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައި ވަނީ، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއް ކަމަށާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރެއްވި ޤައުމީ ވާޖިބަށް ސާބަހާއި ތާރީފު ޙައްޤުކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއަށް ތަހުޒީބާއި ވިޔަވަތިކަމުގެ ރަން ޒަމާނެއް މިންވަރު ކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: