ކަސްޓަމްސްގެ ބޮންޑުން ބޭރުކުރި ސިނގިރޭޓާއި ޕައިޕް ޓޮބޭކޯގެ އިމްޕޯޓް ޑިއުޓީއަށްވާ 20.7 މިލިއަން ރުފިޔާ، 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފި އެވެ.
މިއީ އެސްޖީއެމްއިން 2018 ގައި އެތެރެ ކުރި ސިނގިރޭޓު ކަސްޓަމަސްގެ ބޮންޑުން ސިއްރުން ބޭރު ކުރި މައްސަލައެކެވެ. އެ ކުންފުނިން އެތަކެތި ބޭރު ކުރިއިރު، ސިނގިރޭޓަށް ދައްކަން ޖެހޭ ޑިއުޓީ އޮތީ ނުދައްކަ އެވެ.
އެހެންވެ ފައިސާގެ މައްސަލަ ކަސްޓަމްސްގެ ފަރާތުން ކޯޓަށް ހުށަހެޅީ މި އަހަރު އެވެ. އެ މައްސަލައިގައި އެދުނީ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށެވެ.
ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަށްޓަކައި، ލިޔެކިއުންތައް ފޮނުވުމަށް ބެލިއިރު ކޯޓަށް ލިބިފައިވާ އެޑްރެހުން ލިޔެކިއުންތައް ރައްދު ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.
ކުންފުނީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން، އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްއިން 27 އެޕްރީލް 2018 އަދި 04 ޖޫން 2018 ގައި ރާއްޖެއައި މެކްސް ކޮންޑެންޓަރ އަދި ބިލް އޮފް ލޭންޑިންގ ބީއެލްގެ ދަށުން، އެ ކުންފުނީގެ ނަމުގައި ރާއްޖެ ގެނެސް ބޮންޑުކޮށްފައިވާ 430 ކޭހުގެ އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިގިރޭޓާއި 250 ކޭހުގެ އަފްޒަލް މޮލަސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯގެ ތެރެއިން ވަގަށް ބޭރުކޮށްފައި ވަނީ 250 ކޭހުގެ އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިގިރޭޓާއި 130 ކޭހުގެ އަފްޒަލް މޮލަސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯއެވެ.
އެހެންވެ މި މުދާތަކަށް ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ނުދައްކައި، އަދި ކަސްޓަމްސްއަށް ނާންގާ ސިއްރުން އެ ސިގިރޭޓްތައް ބޮންޑުން ބޭރުކޮށްފައި ވާތީ، ކަސްޓަމްސްގެ ގާނޫނުގެ 77 ވަނަ މާއްދާއާއި ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާގެ (ހ) އަދި 270 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ކޯޓަށް ހުށަހެޅީއެވެ.
ކަސްޓަމްސްއިން ފޮނުވާފައިވާ ސިޓީތަކުން އެނގޭގޮތުގައި، 29 ޑިސެންބަރ 2024 ގައި މި މުދާތަކުގެ ޑިއުޓީއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެދި ކުންފުންޏަށް ސިޓީ ފޮނުވާފައިވެއެވެ. އަދި ދެވަނަ ފަހަރަށް ފެބްރުއަރީ 04 ގައި ސިޓީއެއް ފޮނުވައި، ދައްކަންޖެހޭ ރުފިޔާ، ސިޓީ ފޮނުވި ތާރީހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގި އެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެސްޖީއެމްއިން މި ފައިސާ ދައްކާފައިނުވާކަމަަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފަ އެވެ.
މައްސަލައިގައި ސިވިލް ކޯޓުން ވަނީ އެސްޖީއެމް ކުންފުނީގެ މައްޗަށް، ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.

