ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ އިސް މަގާމުތަކަށް ރައީސް މުޢިއްޒުގެ ”ގްރީން ސިގްނަލް“ ލިބުނު ބޭފުޅުން!

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މެމްބަރު އަސްމާ ރަޝީދު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނައިބު ރައީސުން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމުގައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ”ގްރީން ސިގްނަލް“ ލިބިވަޑައިގެންނެވި ބޭފުޅުން ހާމަވެއްޖެއެވެ.

މި އިންތިހާބުގައި ވާދަކުރައްވާ ގިނަ ބޭފުޅުންނަކީ ރައީސް މުއިއްޒުގެ ފުރިހަމަ ތާއީދާއެކު، އެމަނިކުފާނުގެ އެންގެވުމަށް ކުރިމަތިލެއްވި ބޭފުޅުންކަން ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް މުއިއްޒުގެ ތާއީދާއެކު ނައިބު ރައީސްކަމުގެ މަގާމަށް ނުކުންނަވާ 6 ބޭފުޅުންނަކީ:

– ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
– ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ
– އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
– ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
– ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު
– ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)

މީގެ އިތުރުން، އަންހެނުންގެ ގޮފީގެ ރައީސްކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ހީނާ ވަލީދު، އަދި ޒުވާނުންގެ ގޮފީގެ ރައީސްކަމަށް އަބާން ވާދަކުރައްވަނީ ވެސް ރައީސްގެ ތާއީދާއެކުގައެވެ. ނައިބު ރައީސްކަމުގެ މަގާމަށް ރައީސްގެ ތާއީދު ނެތި ކުރިމަތިލެއްވީ މެންބަރު އަސްމާ އެކަނިކަން ފާހަގަކުރެވެއެވެ.

މި އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ކުރިން ފާޅުކުރެއްވި ނަމަވެސް، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ތާއީދު ނުލިބުމުގެ ސަބަބުން ގިނަ ބޭފުޅުން ވަނީ ފަހަތަށް ޖެހިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕާޓީގެ މިހާރުގެ ބައެއް ނައިބު ރައީސުން ވެސް ހިމެނެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން އަތްނަގައިގެން ފާޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ރައީސް މުއިއްޒުގެ ފުރިހަމަ ތާއީދު ނެތް ކެންޑިޑޭޓަކަށް ކާމިޔާބީގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. ސަބަބަކީ، އިންތިހާބުގެ މަންދޫބުން ވޯޓު ދެއްވުމުގައި ރައީސްގެ އިޝާރާތްތާއި، ރުހުން އޮތް ގޮތަކަށް ބައްލަވާނެތީއެވެ.

ރައީސް މުއިއްޒު މީގެ ކުރިން މި އިންތިހާބަކީ ދީމުޤްރާޠީ ނަމޫނާއަކަށް ވާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް، އަތްނަގައިގެން ވޯޓު ނަގަން ނިންމުމާއި ވަކި ބަޔަކަށް ތާއީދު ދެއްވުމުން، އާންމުންނާއި ޕާޓީގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ ރައީސް މުއިއްޒަށް އަމާޒުވެފައެވެ.

މިކަމާ ގުޅޭ ބަހެއް ހޯދުމަށް ”ސަންގު“ އިން ޕީއެންސީގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލާއި ސުވާލުކޮށް މެސެޖު ކުރުމުން ޖަވާބެއް ދެއްވާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: