އިންސާނެއްގެ އަބުރަކީ އަނެކަކު ކަންކަން މަނާކޮށްގެން ރައްކާތެރިކުރެވޭނެ އެއްޗެއް ނޫންކަމަށާއި، ކޮންމެ މީހަކުވެސް އެ މީހެއްގެ އަބުރު ރައްކާތެރިކުރަންޖެހޭނީ އަމިއްލައަށްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަބުރު ރައްކާތެރިކުރުމުގެ އެންމެ މުހިންމު އަސާސަކީ އަމިއްލަ މީހާގެ އަމަލުތައް ހުންނަ ގޮތް ކަމަށެވެ. އަދި އަމިއްލަ އަބުރު ގެއްލޭ ފަދަ ކަންކަމުގެ ތެރެއަށް މީހާ ހުށަނޭޅި ހުންނަން ޖެހޭކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފެތުރޭ ވާހަކަތަކަކީ އެއްވެސް މިންވަރެއްގެ ހަގީގަތެއް ނެތި ދެކެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އަމަލުތައް ރަނގަޅަށް ބެލެހެއްޓުމަށް ކަމަށެވެ.
ހަމައެއާއެކު، އެކަކު އަނެކެއްގެ އަބުރު ހިފެހެއްޓުމާއި، އަބުރު ގެއްލޭ ފަދަ ވާހަކަތައް ނުދެއްކުމަކީ މުޖުތަމައެއްގައި ވަރަށް ބޭނުންތެރި ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެކަންކަން ހުއްޓުވުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާތައް ގިނަކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އަބުރުގެ ނަމުގައި ގާނޫނުތައް ހެދުމުން ފެނިގެންދަނީ އެ ގާނޫނުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރެވޭ މަންޒަރެވެ. އަދި ދައްކާ ކޮންމެ ވާހަކައަކީ ތިމަންނާ ގަބޫލުކުރާ ގޮތްކަމަށް ހަދައި، އެފަދަ ގާނޫނުތައް ނުހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަގުސަދުތަކުގައި މީހުންނަށް ގެއްލުން ދިނުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

