މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ”ހިޔާލާއި ފިކުރު ކަފުނަށް“ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމަކީ މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ފޯރަމެކެވެ.
މި ފޯރަމްގައި މީޑިއާތަކުގެ އިތުރުން ނޫސްވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވެފައިވެއެވެ. ފޯރަމްގައި ފާހަގަކޮށްފައިވާ ގޮތުގައި މި ބިލު ފާސްވެއްޖެނަމަ، އެކިއެކި ފަރާތްތަކަށް ޑޮކިއުމެންޓްރީތަކާއި އެކި ބާވަތުގެ ޚަބަރުތައް ޝާއިޢުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ފޯރަމްގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި މި ބިލުގެ ސަބަބުން އާންމު ރައްޔިތުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ބޭނުންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތަކެއް އެޅިގެންދާނެއެވެ. އަދި މި ފޯރަމްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނާ ހިއްސާކޮށް، އެކަމާ ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފޯރަމްގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި މިފަދަ ބިލެއް ގެނައުމުގެ ބޭނުމަކީ ސަރުކާރުން ކުރާ ވައްކަންތަކާއި ކަންތައްތައް ރައްޔިތުންނަށް ނޭނގޭގޮތް ހެދުމެވެ. އަދި މިފަދަ ކަންކަން ނޫސްތަކުގައި ލިޔެ ހާމަކުރާތީ، އެކަމަށް ހުރަސްއެޅުމަށް ކަމަށް ބުނެފައިވެއެވެ.
މި ފޯރަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ މި ބިލާ ދެކޮޅަށް އަޑުއުފުލުމަށް އެމްޖޭއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި ފޯރަމެކެވެ.

