ޗައިނާއަށް ދިވެހި ރާއްޖެއިން އަނބުރާ ދައްކަން ޖެހޭ ލޯނާއި މެދު ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދެ ގައުމުން އެއްބަސްވުމަކާއި ހަމައަށް އާދެވިއްޖެ އެވެ.
”ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ“ ގެ ނަމުގައި ޗައިނާގެ މިހާރުގެ ދައުލަތް ގާއިމު ކުރުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ސަފީރު ވަނީ ރާއްޖެ – ޗައިނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
ސަފީރު ވިދާޅުވީ ރާއްޖެއިން އެ ގައުމަށް އަނބުރާ ދައްކަން ޖެހޭ ލޯނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަޝްވަރާ ކުރެވި ދެ ގައުމުން އެކަމަށް އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ.
ރާއްޖޭގެ މާލީ އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ވެސް އެނގިގެން ދަނީ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކަށް ޗައިނާއިން މަރުހަބާ ކިޔާކަމާއި އެ އިތުބާރުކަން ސަފީރު ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި، ކުރެވުނު މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް މުއިއްޒާއި، ސަރުކާރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދު ކުރާކަމަށެވެ.
ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏާއި ގުޅޭގޮތުން ސަފީރު ވާހަކަ ދެއްކެވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އަދި ލޯނު ފަސްކޮށްދީފައިވާ ތާރީހާއި، އަނބުރާ ދައްކަން ޖެހޭ ގޮތުގެ މައުލޫމާތެއް ދިވެހި ސަރުކާރުން އާންމުކޮށްފައި ނުވެއެވެ.
ޗައިނާ ފާހަގަކުރެވިފައި ވަނީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބައިވެރިޔާގެ ގޮތުގަ އެވެ. އަދި އެ ގައުމުގެ ގިނަ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖުގެ މަސައްކަތާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކިއެކި ޕްރޮޖެކްޓުތައް ހިމެނެ އެވެ.
މިފަހުން ވެސް ރައީސް މުއިއްޒު ޗައިނާއަށް ދަތުރުފުޅެއް ކުރެއްވި އެވެ.
މީގެއިތުރުން ވެސް ސަރުކާރުން ވަނީ ޗައިނާއާއި އެކު ކުރިޔަށް ގެންދާ ބައެއް މަސައްކަތްތައް އިއުލާނުކޮށްފަ އެވެ.

