ރާއްޖޭގެ ތަރައްގީއަށްޓަކައި އެންމެ މުހިންމު ކަމަކީ އިސްލާމްދީނަށް ލޯބިކުރާ، ގައުމު ދެކެ ލޯބިވާ އަހުލާގު ރަނގަޅު ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު އިފްތިތާހު ކުރުމަށް މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ފަންސާސް ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށް ވުރެވެސް ގައުމު ދެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ، ފަހުރުވެރި ހުނަރުވެރި ޒުވާނެއް ބިނާކުރުން މާ މުހިންމު ކަމަށެވެ.
މިއަދު ފެށިގެން މިދިޔައީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ފާހަގަކުރައްވައި ރައީސް ވަނީ ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް މަރުހަބާ ވިދާޅުވެފައެވެ. ވަރަށް ޒުވާން ޅަ އުމުރުގައި އެ ޒުވާނުން ހިޔާރުކުރީ ވަރަށް މުހިންމު ކަމެއްގައި ބައިވެރިވުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަ ގޮތުގައި ހާސިލު ވާނީ، އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ، އަހުލާގު ރަނގަޅު ހުނަރުވެރި ޖީލެއް ބިނާކުރެވިގެންކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާތީ ކަމަށެވެ.
ވަރަށް ޒުވާން އުމުރު ތިޔަބޭފުޅުން ތި ހިޔާރު ކުރެއްވެވީ ވަރަށް މުހިންމު ކަމެއްގައި ބައިވެރިވާން.. އަޅުގަނޑު މި މަސައްކަތް ފެށުމަށް ނިންމީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ތަރައްގީ ފުރިހަމަމިނުގައި ފުރިހަމަ ގޮތުގައި ހާސިލު ވާނީ ޒުވާނުން ބިނާކުރެވިގެން.. އިސްލާމްދީން ދެކެ ލޯބިވާ ގައުމު ދެކެ ލޯބިވާ.. އަހުލާގު ރަނގަޅު ހުނަރުވެރި ޖީލެއް ބިނާކުރެވިގެން… އެހެންވީމާ ތި ހުރިހާ ކުދިންނަށް، ތިހުރިހާ ޒުވާނުންނަށް އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ ތި ފަށާ ކަންތައްތަކަކީ، ޓްރެއިނިންއަކީ ވަރަށް މުހިންމު ކަމެކޭ.. މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ. މިއީ ތިކުދިންނަށްޓަކައި ކުރެވިގެންދާ ކަމެއް ކަމުގައި ފުރިހަމައަށް ގަބޫލުކުރުމަކީ އަޅުގަނޑު އެންމެ ބޮޑަށް އެދޭ ކަންތައް..
ރައީސްގެ ވާހަކަފުޅުގައި، މިއީ ޒުވާނުންގެ މުސްތަގުބަލް އުޖާލާކޮށް، އެ ކުދިންގެ ހަޔާތް އުފާފާގަތި ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގަންނަ ވަރަށް މުހިންމު ތަމްރީނުތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި މިއީ އެ ކުދިންނަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއްގެ ގޮތުގައި ގަބޫލުކޮށް، ކުރިއަށް ދިއުމަށް ޒުވާނުންނަށް އިލްތިމާސް ކުރެއްވި އެވެ.
މީގެއިތުރުން ތަމްރީނު ފޯރުކޮށްދޭ މުދައްބިރުން ވަރަށް ގާތުން، ވަރަށް ރަނގަޅަށް ޓްރެއިނިން ދެއްވައި އެ ޒުވާނުންނާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. މި ތަމްރީނު ނިމި ދެވަނަ ފިޔަވައްސަށް ދާއިރު އެ ޒުވާނުން ވެގެންދާނީ އެމަނިކުފާނާއި އެ ޒުވާނުންގެ އާއިލާ ވެސް އުންމީދުކުރާ ފަދަ ބަޔަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ، އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާއެކު ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވަރ ކުރެވިފައިވާ ޒުވާނުންތަކަކަށް މި ބައިވެރިން ވެގެންދާނެ ކަމަށެވެ.
ހަގީގަތުގައި ފަންސާސް ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށް ވުރެވެސް ގައުމު ދެކެ ލޯބިވާ އިސްލާމްދީން ދެކެ ލޯބިވާ ފަހުރުވެރި ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ… އެހެންވީމާ މިއަދު މި ފެށިގެން ދަނީ ވަރަށް ތާރީހީ މަސައްކަތެއް.. ގައުމު ބިނާކުރުމުގެ ވަރަށް މުހިންމު ސޮފުހާއެއް މިއަދު މި ފެށިގެން ދިޔައީ… އެހެންވީމާ އަގަނޑު ހަމަ މި ޔަގީންކަން ދެން އިރާދަކުރެވިއްޔާ ސަރުކާރުން ތިކުދިންނަށް ވަރަށް ގާތުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނަން… ހަމަ ވަރަށް ހިތްހަމަ ޖެހިލައިގެން ވަރަށް އުފަލާއެކީގައި ކުރިއަށް ވަޑައިގަންނަވަންވީ. މި މި ތަމްރީން ފުރިހަމަކުރުމަށް…
މިއަދު މި ފެށިގެން ދިޔައީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށާއި، ގައުމު ބިނާކުރުމުގެ ވަރަށް މުހިންމު ސޮފުހާއެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ޒުވާނުންނަށް ވަރަށް ގާތުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައި، ހިތްހަމަޖެހުމާއި އުފަލާއެކު މި ތަމްރީނު ފުރިހަމަކުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ. ރައީސް ވިދާޅުވީ ގައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް އެ ޒުވާނުން ބޭނުންވާ މިންވަރު އެމަނިކުފާނަށް ފެނި އިހުސާސް ކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އެ އުންމީދާއި އެކު ގައުމުގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
ގައުމުގެ ހުރިހާ ރައްޔިތުން ވެސް ދެކެން ބޭނުންވާނެ ކަމަކީ މިއަދު ޓްރެއިނިން ފަށާ ކުދިންގެ އިތުރުން ކުރިއަށް އޮތް ބެޗްތަކުގައި ވެސް އިތުރު ކުދިން ބައިވެރިވެ ކުރިޔަށް ދިއުންކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އަމާޒަކީ ސަރުކާރުން ކަނޑައެޅި އަދަދަށް 5000 ޒުވާނުން، މި ތަމްރީނުތައް ފުރިހަމަ ކުރުން ކަމަށެވެ.
އޭރުން ދިވެހިރާއްޖޭގެ މުސްތަގުބަލަށް ފުރިހަމަ ގޮތުގައި ހިދުމަތް ކުރާނެ ވަރަށް މުހިންމު ބައިވެރިންތަކެއް ތަމްރީނުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު މި ފެށި، ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.

