އެމްޑީޕީގެ ސަރުކާރުގައި އެތައް ކޮރަޕްޝަނެއް ހިންގާފައިވާއިރު، މި މައްސަލަތައް ފެނަކަ ކޯޕަރޭޝަނާއި ހަމައިން ނުނިމޭނެކަން އެ ޕާޓީއަށް ޔަގީންވެ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް މަނަދޫ ދާއިރާގެ މެމްބަރ ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓުން، ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ބޭނުންކޮށް އާއިލީ ކުންފުނިތަކަށް ބިޑެއްނެތި ޕްރޮޖެކްޓު ދިނުމާއި، މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި ހަރަދުކުރުން ފަދަ ތުހުމަތުތައް ހާމަވެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން، 2021 އިން 2023 އާ ހަމައަށް ފެނަކައިން 8.83 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތަށް ހަރަދުކޮށްފައިވެއެވެ. ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވަނިކޮށްވެސް، މުހިންމު ނޫން ގިނަ ކެޕިޓަލް މަސައްކަތްތަކަށް އާންމު ބީލަން އުސޫލުން ބޭރުން މުދަލާއި ހިދުމަތް ހޯދާފައިވާކަން މި ރިޕޯޓުން ދައްކައެވެ. ރިޕޯޓުގައި އިތުރަށް ވަނީ، 2023 ވަނަ އަަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށެވެ. އަދި 2018 ވަނަ އަހަރުގައި ހުރި މިންވަރާއި އަޅާބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ދަރަނި 389 އިންސައްތައިން އިތުރުވެފައިވާކަން މި ރިޕޯޓުން ހާމަވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
މައްސަލަ ގޯސްވެފައި ވަނިކޮށް މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ހުސްނީ ވިދާޅުވީ ފެނަކައިގެ ހިޔާނާތުގެ އޮޑިޓު ރިޕޯޓު އާންމު ކުރުމާއި އެކު މިއީ އެ ކުންފުންޏާއި ހަމައިން ނިމޭނެކަމެއް ނޫންކަން އެމްޑީޕީއަށް ޔަގީންވެފައިވާކަމަށެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ތިބި ގިނަ ބަޔަކު މިފަދަ މައްސަލަތަކުގައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާން ޖެހި، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ވެސް އަތުވެދާނެކަމަށް ހީވާން ފަށާފައިވާކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ތުހުމަތުތަކަށް މީގެ ކުރިން އެމްޑީޕީ ގޮވާލަމުން ދިޔައީ ހުސްވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން މައްސަލަަތައް ބެލުމަށްކަން ހުސްނީ ފާހަގަކުރެއްވި އެވެ. ހުސްނީ ވިދާޅުވީ އޭރު އެމްޑީޕީ ބުނަމުން ދިޔައީ ދޮޅު އަހަރުވީ އިރު މައްސަލައެއް ނުބެލޭ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް މިއަދު ނަމްބަރުތަކުން ބޮޑު ރިޕޯޓެއް އާންމު ކުރުމުން އެ ގަބޫލު ކުރުމަށް ދެކޮޅު ހަދަމުންދަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފެއްދި އެވެ.
ފެނަކަ އޮޑިޓު މައްސަލައިގައި ހުސްނީ ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރު ކަންކަން ދިޔަ ގޮތް އެންމެ ކުންފުންޏަކުން ވެސް ސާފުވާކަމަށެވެ. އަދި މިއީ އެހެން ހުރިހާ ކުންފުންޏެއްގެ ތެރޭގައި ވެސް ކަންކަން ހިނގާފައިވާނެ ގޮތްކަމަށް ވާތީ، މައްސަލަތަކުގެ ތަހުގީގު ކުރާނެކަން އެމްޑީޕީއަށް އެނގޭނެކަމަށް ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ މިއީ ފެނަކަ ނުވަތަ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދާއި ހަމައިން ނިންމާލާނެކަމެއް ނޫންކަމަށެވެ.
އެހެންވީމާ މިހާރު އެމްޑީޕީގެ އިސްކޮށް ތިބި ފަރާތްތަކަށް ޔަގީންވެއްޖެ މިއީ ފެނަކަ ސަޢީދާ ހިސާބުން ނިންމާލާނެ ކަމެއް ނޫންކަން… ނިންމާލެވެން ނެތްކަން… ހަމަ ޔަގީނުންވެސް ފެނަކަ ސައީދާ ހިސާބުން މިކަން ނުނިމޭނެކަން… އިސް ސަފުގައި ތިބި ގިނަ ބަޔަކު މީގައި ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެކަން… ގިނަ ދުވަސްތަކަކަށް ހަމަ ޔަގީނުން ވެސް ގައިދު ކުރެވޭ ހާލަތެއް ވެސް އަތުވެދާނެކަން… އެހެންވީމާ މި ގައުމުގައި ކޮންމެވެސް ވާހަކައެއް ދެއްކޭތޯ މަސައްކަތް ކުރާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ… އެހެންނަމަވެސް އަޅުގަނޑަކަށް ހީއެއް ނުވޭ މިހާރު ރާއްޖޭގައި އެ ވާހަކަ ގަބޫލުކުރާ ރައްޔިތަކު ހުރިހެންނެއް. އަޅުގަނޑަކަށް ހީއެއް ނުވޭ އެ ބޭފުޅުން އެ ދައްކާ ވާހަކަ ގަބޫލުކޮށްގެން އެ މަޅީގައި ޖެހިގެން މިއަދު ނުކުންނާނެ ރައްޔިތަކު ހުރިހެންނެއް… އެއަށްވުރެ ސާފުކޮށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމު ދަވާލާފައި އޮތް ގޮތް މި އޮތީ ފެންނަން… އެންމެ ކުންފުންޏެއްގެ އޮޑިޓް ރިޕޯޓާ ހަމައަށް…
ހުސްނީ ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ތިބި ގިނަ ބަޔަކު މިކަމުގައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާން ޖެހި، ގިނަ ދުވަސްތަކެއް އެ މަރުހަލާގައި އުޅެން ޖެހޭނެކަން އެމްޑީޕީއަށް ސާފުވާކަމަށެވެ. މިއީ ދޮގު ވާހަކަތަކެއްކަމަށް ބުނެ އެމްޑީޕީ ކިތަންމެ ގިނަ އެއްވުންތައް ބޭއްވި ނަމަވެސް ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެކަމަށް ހުސްނީ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ހިޔާނާތުގެ އެތައް އަމަލެއް ހިންގިގޮތް ސާފުކޮށް އޮތީ ފެންނަން ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެމްޑީޕީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެ ހިންގި އެތައްކަމެއް ހާމަވާނެކަމަށް ސައީދު ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ގައުމުގެ ފުނޑުފުނޑުވެފައި އޮތް އިގްތިސާދު ކޮޅަށް ޖަހަމުންދާ މަންޒަރު އެމްޑީޕީއަށް ފެންނަން ފަށާފައި ވެއެވެ. އަދި ވީރާނާވެފައި އޮތް އިޖުތިމާއީ ފޭރާން ރަނގަޅުވެ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަކަށް ވެސް ހައްލު އަންނަމުންދާ ކަމަށެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް އެއްވެސް ވެރިޔަކަށް އަތްލާން ނުކެރި ދޫކޮށްފައި ހުރި ކަންތައްތައްކަމަށްވާއިރު ސަރުކާރަށް އޮތް ތާއީދު ދުވަހުން ދުވަހަށް އިތުރުވަމުންދާތަން ބަލަން އެމްޑީޕީއަށް ވަރަށް އުނދަގޫވާނެކަމަށް ހުސްނީ ވިދާޅުވި އެވެ.
މީގެ އިތުރުން ހުސްނީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، އާންމު ރައްޔިތުން ނުކުމެ އެމަނިކުފާނަށް އޮތް ލޯބި ފެނި، އިދިކޮޅަށް އޭގެ އުނދަގޫ ވާނެކަމަށެވެ.
ހުސްނީ ވިދާޅުވި ގޮތުގައި، ޕީއެންސީން ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ކަން ފެންނާތީ، އިދިކޮޅުން ދަނީ ގައުމު ހަލަބޮލިކުރުމަށް މަސައްކަތް ކުރަމުންނެވެ. ވެރިކަމަށް އައުމަށް ފަހު އެމްޑީޕީގެ ފަސް އަހަރު ނިމިގެން ދިޔައީ ރައްޔިތުންނަށްވީ އެއްވެސް ވައުދެއް ނުފުއްދިކަމަށް ހުސްނީ ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ރައްޔިތުންނަށް ހޯދައިދޭން ވައުދުވި އިންސާފެއް ވެސް ހޯދައިނުދެވުނު ކަމަށެވެ.

