ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކަޅު ފޮއްޓެއްގެ ބަހަނާ ދައްކައި ތުއްތު ކުއްޖަކާ މަޔަކާ ދުރުކުރި ހަނދާން އިއްޔެ ވީ ކަމެއްހެން މިއަދު ވެސް ހަނދާން އެބަހުރި،“

ކުރީގެ ރައީސް އަދި ދަރިކަނބަލުން ޔުމްނާ މައުމޫން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

”ކަޅު ފޮއްޓެއްގެ ބަހަނާ ދައްކައި ތުއްތު ކުއްޖަކާ މަޔަކާ ދުރުކުރި ހަނދާން އިއްޔެ ވީ ކަމެއްހެން މިއަދު ވެސް ހަނދާން އެބަހުރި،“ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބުރާސްފަތި ދުވަޖުގެ ރޭ  ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޔުމްނާ ވިދާޅުވީ ބޮޑުބޭބޭ ފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިން އަނިޔާތައް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަ ހުރި ކަމަށެވެ.

ޔުމްނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ބައްޕާފުޅު ކުރީގެ ރައީސް މައުމޫންއާއި ފިރިކަލުން ނަދީމްގެ އިތުރުން ކޮށްކޯފުޅު ފާރިސް މައުމޫން ޖަލަށްލީ އެއްވެސް ހައްގަކައި ނުލައި ކަމަށާއި އެއީ ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ ކަމެއް ނޫން ކަމަށް ޔުމްނާ ވިދާޅުވިއެވެ. 

ޔުމްނާގެ ހިތުގެ އުދާސްތައް ބޭރުކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ބައްޕާފުޅު ކުރީގެ ރައީސް މައުމޫންގެ ހިދުމަތުގެ މައްޗަށް ވެސް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމްގެ ހޯއްދެވި ގޮތުގެ މައްޗަސް ވެސް ޔުމްނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 

އެގޮތުން މައުމޫންގެ ހިދުމަތްތައް ވިދާޅުވެ ދެއްވައި އެ މަނިކުފާނަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. މައުމޫން އިސްކޮށް ހުންނަވައި ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ދޫކުރައްވައި ނުކުންނެވީ އެ ޕާޓީގެ ކަންކަން މަގުން ކައްސާލުމުން ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އުފެއްދެވި ޕީޕީއެމުން ޔާމީންގެ ވެރިކަމުގައި ގާނޫނު އަސާސީ ހިލާފު ކަންކަން ކުރަން ފެށުމުން ޕާޓީގައި ހުންނަވައި މައުމޫނާއި ފާރިސް އެކަންކަން އިސްލާހް ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ހަމައެހެންމެ އިސްލާހަށް މަސައްކަތް ކުރެއްވުމުން ކޯޓުގެ ތެރެއިން ޕީޕީއެމް ނިގުޅައިގަތީ ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ ޔާމީންގެ ސަރުކާރުގެ އަނިޔާވެރި ކަމަށް ފަސްޖެހުމެއް ނެތި ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެމްއާރުއެމް އަކީ މައުމޫންގެ ވިސްނުންފުޅާ އެއްގޮތަށް އިސްލާހީ މަސައްކަތްތައް ކުރާނެ ޕާޓީއެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އިންސާފުވެރި، ނަޒާހަތްތެރި ރާއްޖެއެއް ހޯދައި ދިނުމުގެ ދަތުރެވެ.

އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް މައުމޫން ފެއްޓެވީ އެމަނިކުފާނު ކުރިން އުފެއްދެވި ޕީޕީއެމްގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޝަރުއީ މަރުހަލާގެ ތެރެއިން އެ ޕާޓީ މައުމޫނަށް ލިބިވަޑައިނުގަތުމުންނެވެ. އޭގެކުރިން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި، ވަޑައިގަތީ އެ ޕާޓީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: