ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، އެހެން ދައުލަތުގެ މަގާމަކަށް އައްޔަންކުރާ ނުވަތަ އިންތިހާބީ މަގާމުތަކަށް ދާ ފަރާތްތަކަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
މި އިސްލާހާއި އެކު، ރިޓަޔަރވެފައިވާ ފުލުހުންގެ ތެރެއިން ދައުލަތުގެ މަގާމަކަށް އިންތިހާބުވެފައިވާ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލެވޭނެ އެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިސްލާހުގައި ވާގޮތުގައި، ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަހުން މަހަށް ދޭ އިނާޔަތް ލިބެމުންދާ ފަރާތެއް ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަނުކޮށްފި ނަމަ، އެ މަގާމުގައި ނުވަތަ އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑައިލެވޭނެއެވެ. އަދި އެގޮތަށް މެދުކަނޑާލުމަށް ފަހު ރިޓަޔަމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ލިބޭނީ، ރިޓަޔަރވުމަށް ފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
މީގެ އިތުރުން، މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިޓަޔަރވުމަށް ފަހު އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ލިޔުމުން އަންގަން ޖެހޭނެއެވެ.
މި އެންގުން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް އިނާޔަތުގެ ފައިސާ ދޫކުރެވިއްޖެ ނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާ ގޮތެއްގެ މަތީން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެ ފައިސާ އަނބުރާ ދައްކަންވާނެއެވެ.
އަލަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ އަނެއް މުހިންމު ކަމަކީ، ދިވެހި ފުލުހުންގެ ހިދުމަތުން ރިޓަޔަރވެފައިވާ ފަރާތެއް ދައުލަތުގެ އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް އެނބުރި އައުމަށްފަހު، އެފަދަ ފަރާތަކަށް އައު ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ އެހެން ރިޓަޔަރމަންޓް ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ރިޓަޔަރވި ފަރާތުން މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ހަމަޖައްސައިދޭ ރިޓަޔަރމަންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިނާޔަތް އިހުތިޔާރު ކުރަންޖެހޭނެ ކަމެވެ. އަދި އެ ފަރާތުން އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިޚުތިޔާރުކޮށްފި ނަމަ، ކުރިން ލިބެމުންދިޔަ ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް އެ ފަރާތަކަށް ނުލިބޭނެއެވެ.

